އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބު ކުރުމާއި ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވޯޓުލާން ފަށައިފި އެވެ.
ހެނދުނު 9:00 ޖެހި އިރު، ފެށި އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި، ހަވީރު 4:00 ޖަހަންދެން ކުރިއަށް ގެންދާނެ އެވެ.
އިންތިހާބުގައި ޗެއާޕާސަން ކަމަށް އެއްކޮޅުން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ. އޭނާ ނުކުންނެވީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. ފައްޔާޒާ ދެކޮޅަށް ނުކުންނަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވާދަކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނުންނެވެ.
މި އިންތިހާބުގެ ތެރެއިން އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކުވެސް ހޮވާނެ އެވެ.
އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ރައީސް ސޯލިހުގެ ފެކްޝަނުން ވާދަކުރައްވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ނުކުންނެވީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
މި އިންތިހާބުގައި ޗެއާޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭ ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިޚާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ އިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވޭނެ އެވެ.