މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި އެވެ.
ރައީސް ސޯލިހު ވޯޓު ލައްވާފައިވަނީ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައި ހުރި ޅ. ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. އަދި ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ގަލޮޅު އުތުރު ދާއިރާގެ ފޮއްޓަށެވެ.
މިއަދު ބާއްވާ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވިގެންދާނެ އެންމެ ފޯރިގަދަ އިންތިހާބެވެ. އެގޮތުން މި އިންތިހާބާ ކުރިމަތިލީ އިރުވެސް، އެމްޑީޕީގެ ތެރޭގައި ގިނަ މައްސަލަތަކެއް ފެށި، ދެ ރައީސުންގެ ދެމެދު ފެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ.
އެގޮތުން މި އިންތިހާބުގައި، ރައީސް ސޯލިހުގެ ފެކްޝަނުން ވާދަ ކުރައްވަނީ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިންމާއީލެވެ. ނަޝީދުގެ ފެކްޝަނުން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
މި އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ފައްޔާޒަށް ތާއީދުކުރައްވާ ވަޒީރުންގެ ތެރޭގައި ނަޝީދުގެ އަރިސް ބޭފުޅުންވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވަ އެވެ.
ނަޝީދާއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތާއީދުކުރައްވަނީ އިންތިއަށެވެ. އެ ޓީމުގައި ދެން އެންމެ އިސްކޮށް އުޅެނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.