ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް “ހަފްތާ” އަށް ވިދާޅުވީ، ރައީސް ސޯލިހް މާދަމާ މެންދުރު ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑަގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއީ އެއް ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ރަސްމީ ގޮތުން ހިތާމަ ފާޅުކުރުމުގެ ގޮތުން، މިއަދުން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.
ޝައިހް ހަލީފާ އަވަހާރަވީ ގިނަ އަހަރުތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު އެވެ. އެކަމާ ގުޅިގެން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓާލައްވައި، އެ މަސައްކަތްތައް ހަވާލުކުރެއްވީ ބޭބޭފުޅު އަދި އަބޫ ދާބީގެ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ޒައިދުއާއެވެ.
ނަމަވެސް ޔޫއޭއީގެ ވެރިކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅެއް އަދި އިއުލާން ކުރައްވާފައެއް ނުވެ އެވެ.
ޝައިހް ހަލީފާ، ނޮވެމްބަރު 3، 2004 ވަނަ އަހަރު ޔޫއޭއީގެ ރައީސްކަމަށް ވަޑައިގެންނެވީ ޔޫއޭއީގެ ބާނީ އަދި ބައްޕާފުޅު ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެންނެވެ. އެމަނިކުފާނަކީ ޔޫއޭއީގެ ދެވަނަ ރައީސް އަދި އަބޫ ދާބީގެ 16 ވަނަ ވެރިޔާ އެވެ.