އެމްޑީޕީގެ ޗެއާޕާސަން ހޮވަން މިހާރު ކުރިއަށްދާ އިންތިހާބަށް ފަހުގައިވެސް ޕާޓީގެ އެތެރޭގައި ހަމަޖެހުން އޮންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައި ހުރި ޅ. ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލެއްވުމަށްފަހު މަރުކަޒުގެ ބޭރުގައި ހުރެ “އަދަދު”އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އިންތިހާބެއްގައި ފެންނާނެ ހުރިހާ ކަމެއް މި އިންތިހާބުގައި ފެނިގެން ހިނގައްޖެ ކަމަށެވެ. ނަމަވެސް ޕާޓީގެ ތެރޭގައި ހަމަޖެހުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
“އިންތިހާބަށް ފަހުގައިވެސް ޕާޓީގެ އެތެރޭގައި ހަމަޖެހުން އޮންނާނެ. އެކަމާ އަޅުގަނޑު ޝައްކެއް ނުކުރަން،” ރައީސް ވިދާޅުވި އެވެެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ކޮންމެ އިންތިހާބަކީވެސް މުހިންމު އިންތިހާބެއް ކަމަށެވެ. އަދި އިންތިހާބު ކުރިއަށްދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
މިއަދު ބާއްވާ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވިގެންދާނެ އެންމެ ފޯރިގަދަ އިންތިހާބެވެ. އެގޮތުން މި އިންތިހާބާ ކުރިމަތިލީ އިރުވެސް، އެމްޑީޕީގެ ތެރޭގައި ގިނަ މައްސަލަތަކެއް ފެށި، ދެ ރައީސުންގެ ދެމެދު ފެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ.
އެގޮތުން މި އިންތިހާބުގައި، ރައީސް ސޯލިހުގެ ފެކްޝަނުން ވާދަ ކުރައްވަނީ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިންމާއީލެވެ. ނަޝީދުގެ ފެކްޝަނުން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.