އިންޑިއާ ސަރުކާރުން ގޮދަން ފުށް އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް، ރާއްޖެއަށް އެކަމުން އެއްވެސް ދައްޗެއް ނުވާނެ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.
ގޮދަނުގެ ބާވަތްތައް އެކްސްޕޯޓްކުރުން މަޑުޖައްސާލަން އިންޑިއާ އިން ނިންމީ، މިހާރު ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަޕްލައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާތީ، އިންޑިއާގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގޮދަނުގެ ބާވަތްތައް ކަށަވަރުކޮށް، އިންފްލޭޝަނުގެ ނުރައްކާ ކުޑަކުރާށެވެ.
އެކަމާ ގުޅިގެން އަމްރު މިއަދު “ހަފްތާ” އަށް ވިދާޅުވީ، އިންޑިއާ ގޮދަން ފުށް ރާއްޖެއަށް ލިބުމުގައި އެއްވެސް ދައްޗެއް ދިމާނުވާނެ ކަމަށެވެ. އެގޮތުން ރާއްޖެއިން ވަނީ އެކަމަށް ދުރާލާ ތައްޔާރުވެފައި ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑު ޕީކޭ ޗައުދަރީ އެގައުމުގެ ބައެއް ނޫސްތަކަށް ވިދާޅުވެފައިވަނީ އިންޑިއާ އިން ގޮދަނުގެ ބާވަތްތައް އެކްސްޕޯޓްކުރުން މި ވަގުތަށް މެދުކަނޑާލި ނަމަވެސް ގޮދަނުގެ ބާވަތްތައް ކޮންމެހެން ބޭނުންވާ ގައުމުތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އެދިއްޖެ ނަމަ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.
އަދި ކާޑުގެ ބާވަތަށް އެކްސްޕޯޓްކުރުމާއި ބެހޭ ގޮތުން މިމަހުގެ 10ވަނަ ދުވަހާއި ހަމަޔަށް އެގްރީމެންޓް ހަދާފައިވާ ގައުމުތަކަށް ގޮދަނުގެ ބާވަތަށް ލިބޭނެކަމަށްވެސް އިންޑިޔާވަނީ ބުނެފައެވެ. އެހެންނަމަވެސް ގޮދަންފުށް އެގައުމުތަކަށްވެސް ދޫކުރާނީ ކޮން މިންވަރަކަށް ކަމަށް އިންޑިޔާ އިން ނުބުނެއެވެ.