މާލޭގެ މަގުމަތިން އަންހެނަކު ހިފަހައްޓައި, ގަދަކަމުން ގޯޅިގަނޑަކަށް ވެއްދި މައްސަލައިގައި މީހަކު ހަތަރު މަހާއި 15 ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭޕްރިލް 16, 2021 ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އަންހެނަކު ހިނގާފައި ދަނިކޮށް, ނުރުހުމުގައި ހިފަހައްޓައި އެ އަންހެން މީހާގެ ފަޔާއި އަތުގައި ހިފައި ގޯޅިގަނޑަކަށް ވެއްދި މައްސަލައިގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ ތެރެއިން ކުށް ސާބިތުވީ ހދ. ނޭކުރެންދޫ/ ވިނަރެސް, އާދަމް ވިޝާންގެ މައްޗަށެވެ.
އެ މައްސަލައިގައި ދެން ދައުވާ ކޮށްފައިވާ ހދ. ވައިކަރަދޫ/ މިލާފަރު, އަލީ ރަޝީދުގެ ބައި އަދި ނުނިންމަ އެވެ.
ވިޝާންގެ މައްޗަށް ދައުލަތުން ކުރީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާގެ އިތުރުން އަނިޔާއެއް ދިނުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށްވެސް ވިޝާން ވަނީ ކޯޓުގައި އެއްބަސްވެފަ އެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ, ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ އަދަބެއްގެ ގޮތުން ވިޝާން ތިން މަހާއި 18 ދުވަހަށް އަދި އަނިޔާއެއް ދިނުމުގެ ކުށުގައި 27 ދުވަހަށް ޖަލަށްލުމަށެވެ.
ނަމަވެސް އެ މައްސަލައިގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ މަހާއި 16 ދުވަހާއި 27 ދުވަހެވެ.