އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި ވާދަވެރި އިންތިހާބު ބޮޑު ތަފާތަކުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކާމިޔާބު ކުރައްވައިފި އެވެ.
ކެމްޕެއިންގެ ފޯރި އިންތިހާއަށް ގަދަވެ، އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ތުހުމަތާއި ބަހުގެ ހަމަލާތައް އަމާޒުކުރި, މި އިންތިހާބުގައި ފައްޔާޒު ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އޭނާއާ ވާދަކުރި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ނުކުންނެވީ އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއިން ފައްޔާޒު 60 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވާފައިވާކަން ދައްކާ އިރު، އޭނާ ވަނީ އިންތިގެ މައްޗަށް ގާތްގަނޑަކަށް 6،000 ވޯޓުން ކުރި ހޯއްދަވައިފަ އެވެ.
މި އިންތިހާބުގައި ފައްޔާޒު ނުކުންނެވީ “އެމްޑީޕީ ހިންގާލަން” ނަމުގައި ރައީސް ސޯލިހަށް 2023 ޔަގީންކޮށް ދިނުމަށެވެ.