Thu, 8 December, 2022, 11:40 am

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލު ނިންމައިފި

މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެކުލަވާލައި ނިންމައިފި އެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ފުޅާކޮށް ގައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި މީހުންބިނާކުރުމަށް ދޭ އިސްކަން އިތުރުކުރުމަށް 2018 ވަނަ އަހަރު “މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން” ގެ ނަމުގައި ދައުލަތުގެ ވަކި ވުޒާރާއެއްވަނީ އުފައްދަވައިފަ އެވެ. މި ވުޒާރާ އުފެދުމާ ގުޅިގެން ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ހަރުދަނާކޮށް މޮނިޓަރކުރުމަށް ޤާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ފުރަތަމަ ފަހަރަށް މަތީ ތަޢުލީމާ ތަމްރީނުގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ފެށިފައި ވެ އެވެ. މިބިލު 16 މެއި 2021 ދުވަހު ޤާނޫނު ނަންބަރު: 2021/7 ( ދިވެރިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ނަމުގައި ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފަ އެވެ.

މި ޤާނޫނު ގެޒެޓުގައި ޝާއިޢުކުރުމާއި ގުޅިގެން މި ޤާނޫނު 71 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި އަދި އެހެނިހެން ބާބުތަކުގައި އެކިއެކި ޚާއްޞަ ކަންކަމާ ގުޅިގެން އެކުލަވައިލަންޖެހޭ ގަވާއިދުތަކެއް ކަނޑައެޅި، އެ ގަވާއިދުތައް އެޤާނޫނަށް ޢަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމްކޮށްފަ އެވެ. އެގޮތުން، މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި  މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ހިމެނޭހެން ޖުމުލަ 20 ގަވާއިދެއް 16 މެއި 2022 އާ ހަމައަށް ވަނީ އެކުލަވާލައި ގެޒެޓްކޮށްފަ އެވެ.

މި ގަވާއިދުތަކަކީ:

1. ގަވާއިދު ނަންބަރު 159-އާރ/2021 (މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު)
2. ގަވާއިދު ނަންބަރު: 160-އާރ/2021 (ދިވެހިރާއްޖޭގައި ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވާއިދު)
3. ގަވާއިދު ނަންބަރު: 72-އާރ/2022 (ދިވެހިރާއްޖޭގައި ޔުނިވަރސިޓީ ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު)
4. ގަވާއިދު ނަންބަރު: 81-އާރ/2022 (ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު)
5. އުސޫލު ނަންބަރު: 6-ޖީ/2022 (ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުސޫލު)
6. ގަވާއިދު ނަންބަރު: 45-އާރ/2022 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާބެހޭ ގަވާއިދު)
7. ގަވާއިދު ނަންބަރު: 61-އާރ/2022 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޤުރްއާން ޕެނަލުގެ ހިންގާ ގަވާއިދު)
8. ގަވާއިދު ނަންބަރު: 68-އާރ/2022 (މަތީ ތަޢުލީމާއި ތަމްރީނުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގަވާއިދު)
9. ގަވާއިދު ނަންބަރު: 69-އާރ/2022 (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ޢަމަލުކުރުމުގެ ގަވާއިދު)
10. ގަވާއިދު ނަންބަރު: 70-އާރ/2022 (މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު)
11. ގަވާއިދު ނަންބަރު: 71-އާރ/2022 (ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދު)
12. ގަވާއިދު ނަންބަރު: 95-އާރ/2021 (“ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން” ގެ ގަވާއިދު)
13. ގަވާއިދު ނަންބަރު: 73-އާރ/2022 (މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގައި ބޭނުންކުރާ ނަންތައް ކިޔުމުގެ ގަވާއިދު)
14. ގަވާއިދު ނަންބަރު: 74-އާރ/2022 (ދައުލަތުގެ އިދާރާތަކުން، މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމުގެ ގަވާއިދު)
15. ގަވާއިދު ނަންބަރު: 75-އާރ/2022 (އެމްޕްލޯއިމަންޓް ސެކްޓަރ ކައުންސިލްތަކުގެ ގަވާއިދު)
16. ގަވާއިދު ނަންބަރު: 76-އާރ/2022 (މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގަވާއިދު)
17. ގަވާއިދު ނަންބަރު: 77-އާރ/2022 (ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު)
18. ގަވާއިދު ނަންބަރު: 78-އާރ/2022 (ޕްރޮގްރާމް އޮޑިޓް ގަވާއިދު)
19. ގަވާއިދު ނަންބަރު: 79-އާރ/2022 (އިންސްޓިޓިއުޝަނަލް އޮޑިޓް ގަވާއިދު)
20. ގަވާއިދު ނަންބަރު: 80-އާރ/2022 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޓީޗަރ އެޑިއުކޭޝަން ޕެނަލްގެ ހިންގާ ގަވާއިދު)

މި ޤަވާއިދުތައް އެކުލަވައިލުމަށްޓަކައި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު މާހިރުންނާއި ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ވަނީ ފުޅާދާއިރާއެއްގައި ހޯދައިފަ އެވެ. އަދި މި ގަވާއިދުތައް ތަންފީޒު ކުރަމުންދާއިރު ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށްޓަކައި، ގަވާއިދުތައް މުރާޖައާކުރަންޖެހޭ ހާލަތްތަކުގައި މިނިސްޓްރީގެ ފަރާތުން އެކަންކަން ކުރަމުން ގެންދާނެ އެވެ.

މި ގަވާއިދުތައް ތަންފީޒުކުރަން ފެށުމުން، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު، ކަނޑައެޅޭ ވަކި މިންގަނޑެއްގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށްވެ،  މަތީ ތަޢުލީމާއި ތަމްރީނުގެ ނިޒާމު ހަރުދަނާވެ، މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ވެސް އެކަމުގެ ފައިދާކުރާނެއެވެ.

 

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.