Thu, 8 December, 2022, 11:46 am
ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުން ގެންދާ ހޮޓާ--- ފޮޓޯ: އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު/ޓްވިޓާ

އެސްޓީއޯ ހޮޓަލަށް އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި

އެސްޓީއޯއިން ހުޅުމާލޭގައި އަޅަން ފެށި ސިޓީ ހޮޓާ ތަރައްގީކުރަން އެޗްޑީސީން އިންވެސްޓަރަކު ހޯދާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ނުކުތުމުގެ ބޭނުމުގައި އެސްޓީއޯ އިން 25 އަހަރުގެ މުއްދަތަކަށް ހުޅުމާލެއިން ބޮޑު ކުލީގައި ބިމެއް ކުއްޔަށް ނަގައި, އެތަނުގައި ހޮޓާ ތަރައްގީ ކުރަން ނިންމީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.

އެއާއެކު އެ ހޮޓަލަށް 60 މިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށް,2011 ވަނަ އަހަރު, އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން އެތަނުގައި 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް ތަރައްގީކުރަން ފެށި އެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ ފަހުން އެތަނުގެ މަސައްކަތް ހުއްޓި, އެކި ފަހަރު މަތިން އެތަން ވިއްކާލަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ރޭ ކްރޮސްރޯޑްސްގައި ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ, ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު އެސްޓީއޯގެ ހޮޓާ ގަތުމަށް އިންވެސްޓަރު ލިބުނު ނަމަވެސް އެތަން ވިއްކާލުމާ ގާތަށް ދެވިފައި ވަނިކޮށް ކޮވިޑް އައިސް އެ އިންވެސްޓް ނުކުރަން އިންވެސްޓަރު ނިންމި ކަމަށެވެ.

އެފަހުން އެތަން ވިއްކާލުމުގެ މަސައްކަތް ކުރަމުން އައީ އެޗްޑީސީއާއެކުގަ އެވެ. އެކަމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އިރު, އަމްރު ވިދާޅުވި ގޮތުގައި, އެޗްޑީސީން މިހާރު އެތަނަށް އިންވެސްޓަރަކު ވަނީ ހޯދައިފަ އެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވަ އެވެ.

“މިހާރު ވާނީ އެޗްޑީސީއާއެކީގައި އެރޭންޖުމަންޓަކަށްވެސް އައިސްފައި. އެޗްޑީސީން އިންވެސްޓަރަކު ހޯދައިފި. އެކަން ނިމުމާއި އެކީގައި އެސްޓީއޯއަށް އެ ހޮޓަލުން އަތް ދޫކޮށްލެވޭނެ،” އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ ހޮޓާ ހަދަން ކުއްޔަށް ނެގި ބިމުގެ އެގްރިމެންޓުގައި މިހާރު ބާކީ އޮންނާނީ 10 އަހަރެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.