Thu, 8 December, 2022, 11:48 am

ސީނު ކުކުޅަށް ކިޔާ ނަން ނުކިޔަން ތުރުކީގެ ނަން ބަދަލުކޮށްފި

ތުރުކީގެ ނަން ރަސްމީކޮށް ބަދަލުކުރަން އެ ގައުމުން އ.ދގައި އެދިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ތުރުކީއިން ވަނީ އިނގިރޭސި ބަހުން އެ ގައުމުގެ ނަން ލިޔާގޮތް ރަސްމީކޮށް “ތުރުކިޔޭ”އަށް ބަދަލުކުރުމަށް އެދި އ.ދއަށް ސިޓީއެއް ފޮނުވައިފައެވެ. އަދި ރަސްމީ ހުރިހާ ކަމެއްގައި މީގެ ފަހުން ނަން ލިޔަން ވާނެ ގޮތް ވަނީ އަންގައިފައެވެ.

އެ އިދާރާގެ ތަރުޖަމާނު ވިދާޅުވީ އެ ގައުމުގެ ސިޓީ ލިބުނު ވަގުތުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި ގައުމުތަކުން ނަން ބަދަލުކުރުމަކީ އެ ގައުމުތަކުގެ ހައްގެއް ކަމަށާއި އެއީ އާންމުކޮށް ވާ ކަމެއް ނޫން ނަމަވެސް އެކަން އެމީހުން ގަބޫލުކުރާނެ ކަމަށް ބުންޏެވެ.

ތުރުކީއިން އ.ދގެ އިތުރުން ރަސްމީ އެހެނިހެ އިދާރާތަކަށް ވެސް އެ ސިޓީ ވަނީ ފޮނުވައިފައެވެ. ނަމަވެސް އެ ގައުމުގެ އެތެރޭގައި މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ބޭނުން ކުރަމުން އަންނަނީ އާ ނަމެވެ. އެ ގައުމުން އެގޮތަށް އަމަލުކުރަން ފެށީ ރައީސް ތައްޔިބް ރަޖަބް އުރުދުގާން އެގޮތަށް އަންގަވައި ބަޔާނެއް ނެރުއްވުމުންނެވެ.

އުރުދުގާން ނެރުއްވި ބަޔާނުގައި ވިދާޅުވީ “ތުރުކިޔޭ” އަކީ އެ ގައުމުގެ ބްރޭންޑު ކަމަށެވެ. އަދި އެ ގައުމުގެ ސަގާފަތާއި ރައްޔިތުންގެ އާދަކާދަތައް އެންމެ ރަނގަޅަށް ދޭހަކޮށްދެނީ “ތުރުކިޔޭ” އެ ނަމުން ކަމަށް ވިދާޅުވިއެވެ.

އުރުދުގާންގެ ބަޔާނާއެކު އެ ގައުމުގެ ރަސްމީ ޓީވީގެ ނަންވެސް އެޔާ އެއްގޮތަށް ބަދަލުކޮށްފައިވާއިރު، އެ ޓީވީން ބުނީ އެ ގައުމުގެ ނަމާ ސީނު ކުކުޅުގެ ނަމާ އެއްގޮތް ވުމަކީ ނަން ބަދަލުކުރުމަށް ނިންމި އެއް ސަބަބު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.