Thu, 8 December, 2022, 11:51 am
ރައީސް ސޯލިހާއި ގާސިމް އިބްރާހިމް, ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން ---

ރައީސް ސޯލިހުގެ ރަނިންމޭޓުކަން ގާސިމަށް ވަނީ ހުށަހަޅާފައި: ޓޮމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ހުށަހަޅުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

ޓޮމް މިހެން ވިދާޅުވީ، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފުރަތަމަ ފަހަރަށް ފާޅުކުރައްވައި، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު މިހާރު މިއޮތް ސަރުކާރު ކޯލިޝަނާއެކު ކާމިޔާބުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

އަދި އެހެން ވިދާޅުވި ފަހުން، ރައީސް ސޯލިހު މިއަދު ވަނީ އދ. މާމިގިއްޔަށް ވަޑައިގެން ގާސިމްއާ ބައްދަލުވެސް ކުރައްވައިފަ އެވެ. މިއީ ދެވަނަ ދައުރަކަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވި ފަހުން ކޯލިޝަންގެ ލީޑަރަކާ ރައީސް ސޯލިހު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ޓޮމް މިއަދު ކުރެއްވި ޓުވީޓުގައި ރަނިންމޭޓޫގެ މަގާމުވެސް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހައްގުނުވާނީތޯ ސުވާލު އުފައްދާފައިވެ އެވެ.

“ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ރިޔާސީ އުންމީދު ނިމުމަކަށް ގެނެސް، ރައީސް ސޯލިހުގެ ރަނިންމޭޓުކަން މިވަނީ ހުށަހަޅާފައި. އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް، ރައީސް ސޯލިހުގެ ރަނިންމޭޓުގެ މަގާމުވެސް ހައްގުނުވަނީ ދެއްތޯ؟،” ޓޮމް ވިދާޅުވި އެެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީ ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ދޭނެ ކަމަށް ވައުދުވެގެން ކަމަށާއި ދައުރު ނިމިގެންދާއިރުވެސް އެ ވައުދު ފުއްދިފައިނުވާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމުގެ ނަން ހުށަހެޅުއްވި ނަމަވެސް ރައީސް ސޯލިހުގެ މެޖޯރިޓީ މަޖިލީހުގައި އޮތްއިރުވެސް އެ ފުރުސަތު ގާސިމަށް ނުދެއްވި ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.