Thu, 8 December, 2022, 11:53 am

އިގުތިސާދު ދަށަށްދާތީ ޕާކިސްތާނު މީހުން ސައި ބުއިން މަދުކުރަން އަންގައިފި

ޕާކިސްތާނުގެ އިގުތިސާދީ ހާލަތު ގޯސްވެ، ހީނަރުވާތީ އެ ގައުމުގެ ރައްޔިތުން ސައި ބުއިން މަދުކުރަން އެދިއްޖެ އެވެ.

ޕާކިސްތާނުގެ ޕްލޭނިން އެންޑް ޑިވެލޮޕްމެންޓް މިނިސްޓަރު އަހްސަން އިގްބާލް ވިދާޅުވީ އިގުތިސާދީ ހާލަތުގެ ސަބަބުން ތަކެތި އެތެރެކުރަން ދަތިވެފައިވާ ކަމަށެވެ. އެގޮތުން އެ ގައުމަށް ސައިފަތް އެތެރެކުރަނީ ލޯނެއްގެ ދަށުން ކަމަށްވާ އިރު، ރައްޔިތުން ސައި ބޯ މިންވަރު މަދުކުރުމުގެ ގޮތުން ދުވާލަކަށް އެކެއް ނުވަތަ ދެ ސައި ތަށިން ފުއްދާލުމަށް އެދޭ ކަމަށް ވިދާޅުވި އެވެ.

އިގްބާލް ވަނީ ސައި ބުއިން މަދުކުރުމުގެ އިތުރުން ކަރަންޓު ހަރަދު ކުޑަކުރުމަށް ވިޔަފާރިކުރާ ތަންތަން އަވަހަށް ބަންދުކުރުމަށްވެސް އެދިފަ އެވެ.

އޮބްސަވޭޓަރީ އޮފް އިކޮނޮމިކް ކޮޮމްޕްލެކްސިޓީ” އިން ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން 2020 ވަނަ އަހަރު އެންމެ ގިނަައި ސައިފަތް އިމްޕޯޓް ކުރި ގައުމެވެ. އެގޮތުން އެ ގައުމުން 640 މިލިއަން ޑޮލަރުގެ ސައިފަތް އިމްޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ..

ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ޕާކިސްތާނުގެ ސެންޓްރަލް ބޭންކުގެ ބޭރު ފައިސާގެ ރިޒާވްވެސް ދަނީ ދަށަށް ދަމުންނެވެ. އެގޮތުން ފެބްރުއަރީގައި ރިޒާވްގެ ގޮތުގައި 16.3 ބިލިއަން ޑޮލަރު ހުރި އިރު، މެއި މަހު އެ އަދަދު ހުރީ 10 ބިލިއަން ޑޮލަރުގަ އެވެ.

މިދިޔަ މަހު އެ ގައުމުން ވަނީ ޒަރޫރީ ނޫން ތަކެތި އިމްޕޯޓްކުރުންވެސް މަނާކޮށްފަ އެވެ. އަދި އެ ގައުމުގެ އިންފްލޭޝަނާއި ބޭރު ފައިސާ ހޭދަކުރުން މަދުކުރުމަށް، އެ ގައުމަށް އެތެރެކުރާ ތަކެއްޗައް ބަރޯސާވުން ކުޑަކުރުމަށް އެ ގައުމުން ވަނީ ނިންމައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.