Mon, 28 November, 2022, 10:10 am

ތަރިކަ މުދަލަށް އަރައިގަންނަ މީހަކީ ﷲގެ ދުޝްމަނެއް ފަދަ މީހެއް، އެއީ އަނގުުރު އަލިފާން ކެއުން ފަދަ ކަމެއް

ވާރުތަމުދާ އޭގެ ހައްގުވެރިންނަށް ލިބުމަށް ހުރަސްއަޅާ ވާރުތަވެރިއަކީ ރަހިމުގެ ގުޅުން ކަނޑައިފި މީހެއް ކަމަށާއި އެފަދަ މީހާއާއެކު މާތް الله ވެސް ދުނިޔެއާއި އާހިރަތުގައި ގުޅުން ކަނޑުއްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ވާރުތަމުދަލަށް ރައްކާތެރިވުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މީހަކު މަރުވުމުން އޭނާ ދޫކޮށްފައިދާ ތަރިކައަކީ އެ ބަހާނެ އުސޫލުތަކަކާއި ގަވާއިދުތަކެއް މާތް ﷲ ކަނޑައަޅުއްވާފައިވާ އެއްޗެއް ކަމަށާއި ތަރިކަ މުދާ ބެހުމަށް މާތް ﷲ ވަސިއްޔަތް ކުރައްވާފައިވާ ކަމަށެވެ.

އަދި ތަރިކަމުދާ ބެހުމުގެ މައްސަލައިގައި އެއްވެސް ފަރާތަކަށް އިހްތިޔާރު ލިބިގެން ނުވާ ކަމަށާއި ތަރިކައަކީ މާާތް ﷲ ގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ, ފަރުޟު ނަމާދުތަކުގެ ރަކުއަތްތަކާއި އެހެނިހެން ތަފުސީލުތަކާއި ޒަކާތް ދައްކަންޖެހޭ މުދަލުގެ ބާއްވަތަކާއި މިންވަރުތައް އަދި ރޯދައާއި ހައްޖުގެ އަޅުކަންތަކުގެ ތަފުސީލުތައް الله ގެ ވަހީ ބަސްފުޅުތަކުގައި އައިސްފައި ނުވި ނަމަވެސް ތަރިކަމުދަލަށް ބަލައި އިރު، ކީރިތި ޤުރުއާނުގެ ތިން އާޔަތެއްގައި އެ މުދާ ބަހަންވީ ގޮތުގެ ތަފުސީލީ ގަވާއިދުތައް މާތް الله ބަޔާން ކުރައްވާފައިވާ ކަމަށެވެ.

ވާރުތަވެރިޔާ ދޫކޮށްފައިދާ ތަރިކަ މާތް الله އަންގަވާފައިވާ ގޮތަށް ބެހުމަށް އަވަސްވެ ގަތުމަށް ގޮވާލައި ހުތުބާގައި ބުނީ, ތަރިކަ މުދާ ބެހުމަށް އަވަސްވެ ގަތުމަކީ ގާތްތިމާގެ ކަމުގެ ގުޅުން ހަރުދަނާވެގެންދާނެ ކަމެއް ކަމަށާއި އެ ގުޅުން ދެމިއޮތުމަށް އެހީވެދޭ ކަމެއް ކަމަށެވެ.

ހުތުބާގައި ބުނީ ތަރިކަމުދަލަށް އަރައިގަނެވޭ ވަރަށް ގިނަ ސަބަބުތައްވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ އީމާންކަން ބަލިކަށިވުން ކަމަށެވެ. އަދި ނަމާދު ކުރިޔަސް, ރޯދަ ހިފިޔަސް, ގުރުއާން ކިޔަވައި އުޅުނަސް, ތަރިކަ މުދަލަށް އަރައިގަންނަ މީހަކީ އީމާންކަން ބަލިކަށި މީހެއް ކަމަށާއި الله ގެ ދުޝްމަނުންނާ އެއްފަދަ މީހެއް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, ތަރިކަމުދަލުގައި ޖެހެވޭ ސަބަބުތަކުގެ ތެރޭގައި އަމިއްލަ އެދުން ބޮޑުވުމާއި ދަހިވެތިކަން އިންތިހާއަށް ދިއުންވާ ކަމަށާއި އެކަމާހެދި އެހެން ވާރުތަވެރިންގެ ހައްގަށް އަރައިގަނެވޭ ކަމަށެވެ. އަދި ތިމާއަށް ހައްގުނުވާ މުދަލެއް ކެއުމަކީ އަނގުރު އަލިފާން ކެއުންފަދަ ކަމެއް ކަމަށް ބުންޏެވެ.

އިންސާނުންގެ ހައްގުތައް ރައްކާތެރިކޮށް ދެއްވުމަށްޓަކައި މާތް الله ކަނޑައަޅުއްވާފައިވާ ހައްދުތަކުގެ ތެރޭގައި ތަރިކަމުދާ ބެހުން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެކަމަކީ އެހެން މީހުންގެ ހައްގުތަކެއް ހިމެނޭ ކަމެއްކަމުން އެކަމާމެދު ފަރުވާ ކުޑަކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.