Mon, 28 November, 2022, 7:15 am

އީދުގެ އުފާފާޅުކުރާ އިރު, ބިކަހާލުގައި އުޅޭ މުސްލިމުންގެ މަތިން ހަނދާން ކުރަންޖެހޭ: އީދު ހުތުބާ

އަޟްހާ އީދު ދުވަހުގެ އުފާތަކުން އަހަރެމެންގެ މޫނުތައް އަލިވެ, ހިނިތުންވުން ފާޅުވެފައިވާ އިރު, ދުނިޔޭގެ ބައެއް ގައުމުތަކުގައި އުޅެމުންދާ އަހަރެމެންގެ މުސްލިމު އަހުންނާއި އުހުތުންތަކެއް ބިކަހާލުގައި ދިރިއުޅެމުންދާކަން ހަނދާނަށް ގެންނަންޖެހޭ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

“އީދުލް އަޟްހާގެ ހަގީގަތާޢި މަގުސަދުތައް” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އަޟްހާ އީދު ދުވަހަކީ އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެއް ކަމަށާއި އެއީ މާތް ދިހަ ދުވަހުގެ ފަހު ދުވަސް ކަމަށެވެ. އަދި އެއީ ތަކުބީރު ކިޔުމާއި ޒިކުރު ކުރުމާއި ޝުކުރުކުރުމުގެ ދުވަހެއް ކަމަށާއި މިއަދަކީ ޤުރުބާން ކުރުމާއި އުޟްހިޔާ ކަތިލުމާއި ހައްޖުވެރިން ހައްޖުގެ މަނާސިކުގެ ތެރެއިން ގިނަ ކަންތައްތަކެއް އަދާކުރާ ދުވަހެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ އިސްލާމްދީނުގައި އީދަކީ ޝަހްވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން ކަމަށާއި އެއީ ކާބޯތަކެތިން ބަނޑު ފުރައިލުމެއްވެސް ނޫން ކަމަށެވެ. އަދި އެއީ اللهގެ ހައްދުތައް ފަހަނައަޅައި ދިއުމެއްވެސް ނޫން ކަން ފާހަގަކޮށް ބުނީ, އިސްލާމީ އީދުތައް އަންނަނީ اللهއަށް އަދާކުރަންޖެހޭ މުހިންމު އަޅުކަންތަކަކާ ގުޅިގެން ކަމަށެވެ. އެހެންކަމުން އިސްލާމީ އީދުތަކަކީ الله ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބާތަކެއް ކަމަށް ބުންޏެވެ.

ހުތުބާގައި ވަނީ, ބިކަހާލުގައި އުޅޭ މުސްލިމު އަހުންނާއި އުހުތުންގެ ހާލަތު ރަނގަޅު ކޮށްދެއްވުމަށް އެދި ހެޔޮ ދުއާކުރުމަށާއި އެމީހުންގެ ރަށްތަކަށް އަމަން އަމާންކަން ވެރިކުރައްވާތޯ اللهގެ ހަޟްރަތުގައި ދުއާ ކުރުމަށް ގޮވާލައިފައެވެ.

އަދި އަހަރެމެންގެ އީދުގެ އުފަލުގައި އެމީހުން ބައިވެރި ކުރެވިގެންދާނެ ކަމަށާއި އަހަރެމެންގެ އާއިލާތަކާއި އަވަށްޓެރިން އީދުގެ އުފަލުގައި ބައިވެރިކުރުވާ ފަދައިން ގައުމުގައި ދިރިއުޅެމުންދާ މެހެމާނުންވެސް އީދުގެ އުފަލުގައި ބައިވެރިކުރަންޖެހޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.