Mon, 28 November, 2022, 7:15 am

މައިންބަފައިންނަށް ހެޔޮބަސް ބުނުމަކީ ވާޖިބެއް, ހިތުގައި ޖެހޭ ގޮތަށް ދެމަފިރިން ބަސް ބުނެގެން ނުވާނެ

ހެޔޮ ބަހުން އެ ބަޔަކާ މުއާމަލާތު ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިންބަފައިންވާ ކަމަށާއި އެމީހުންނާ މުހާތަބު ކުރާއިރު ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ހެޔޮބަސް ބުނުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުޖުތަމައަށް އޭގެ ހެޔޮ އަސަރުކުރާލެއް ބޮޑުކަމުން ހެޔޮ ބަހަކީ ސަދަގާތެއް ކަމަށާއި ހެޔޮ ބަހެއް މެނުވީ މާތް اللهގެ ހަޟްރަތަކަށް ނުފޯރާނެ ކަމަށެވެ.

އަދި ހެޔޮ ބަހަކީ މާތް الله ހަނދުމަކުރުމާއި ތަހުލީލާއި ތަހްމީދާއި ތަސްބީހަ ކިޔުމާއި ފައިދާކުރަނިވި އިލްމެއް ފެތުރުމާއި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމާއި މީސްތަކުންނަށް ނަސޭހަތް ދިނުމާއި ސީދާ މަގަށް މަގު ދެއްކުން ކަމަށް ބުންޏެވެ

ހުތުބާގައި ބުނީ، ނުބައި ބަސްތަކުގައި ހަރުދަނާ ކަމެއް ނުހުންނާނެ ކަމަށާއި އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދި, މީހުންނަށް މަގު އޮޅި, އެކަކު އަނެކަކާ ޖެހި, މޫނުކެނޑި, މީހުން މަގުފުރެދި, ހައްގުގެ މަގަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ ނޭދެވޭ އަމަލުތައް ފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށާއި ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފަތުރައި, ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް الله ނަހީކުރައްވާފައިވާ ކަމެއް ކަމަށް ބުންޏެވެ

ހެޔޮ ބަހުން އެ ބަޔަކާ މުއާމަލާތު ކުރުން ވާޖިބު މީހުންގެ ތެރޭގައި މައިންބަފައިންވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެމީހުންނާ މުހާތަބު ކުރާއިރު ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށެވެ. ދަރީން މައިންބަފައިންނާ މުއާމަލާތް ކުރަންވީ ގޮތް ބަޔާންކޮށްދެއްވައި މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

“އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!”

ހުތުބާގައި ބުނީ, ދެމަފިރިންވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަންޖެހޭނީ ރިވެތި ބަހުން, އޯގާވެރި ބަހުން ކަމަށެވެ. އަދި އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަދައްކައި އެކަކު އަނެކަކު ހިތުގައި ޖައްސައި, އެ ދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު ނެތިދާ ގޮތަށް ބަސް ބުނެ އުޅެގެން ނުވާނެ ކަމަށާއި އެއީ މާތް الله ކައިވެނީގައި ލެއްވި މާތް މަގުސަދު ގެއްލި, ދެމަފިރިން ހަތުރުންނަށްވެ, ވަރިފަށަށް އަރައިދާނެ ކަމެއް ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.