Fri, 30 September, 2022, 8:44 am

ދަރިންނަށް ހެޔޮ ތަރުބިޔަތެއް ދެވިއްޖެ ނަމަ ކުދިންގެ ހެޔޮ ދުއާގެ މަންފާ މައިންބަފައިންނަށް ކުރާނެ

ދަރިން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށް ބޮޑު ކުރެވިއްޖެ ނަމަ, އެ ކުދިންގެ ހެޔޮދުއާގެ މަންފާ މައިންބަފައިންނަށް ކުރާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“އުނގެނުމުގެ މުހިއްމުކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ތައުލީމު އުނގެނުމަށް އާ އަޒުމަކާއެކު ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވާ އިރު, ބެލެނިވެރިން, އެ މީހުންގެ ލޮބުވެތި ދަރިން ސްކޫލަށް ފޮނުވަނީ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނަށް ވަރަށް ފުރިހަމައަށް އިތުބާރު ކޮށްފައި ކަމަށެވެ.

އަދި މުދައްރިސުންނަކީ ދުނިޔެ އާއި އާހިރަތުގެ ހެޔޮ މަގަށް ދަރިވަރުންނަށް މަގު ދައްކާ ބައެއް ކަމަށާއި މުދައްރިސުން އެކުރާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެއްކަން ފާހަގަކޮށް ބުނީ, މުދައްރިސުންނަކީ ދަރިވަރުންގެ ދެވަނަ ބެލެނިވެރިންނަށްވާ އިރު, ދަރިވަރުންގެ އުނގެނުމާއި އިއްފަތްތެރިކަމާއި އަހުލާގާއި ސުލޫކަށް ރައްކާތެރިވުމަށް މުދައްރިސުން ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

ހުތުބާގައި ބުނީ, ދަރިން ތަރުބިޔަތުކޮށް އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ބޮޑު ކަމަށާއި އެކުދިންނަށް ފުރިހަމަ ތަރުބިޔަތެއް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެދުރުން އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

އެގޮތުން އެކުދިންނަށް ރަނގަޅު ކަމުގައި ފެންނާނީ އެދުރުން އެކުދިންނަށް ރަނގަޅު ކަމުގައި ދެއްކި އެއްޗެއް ކަމަށާއި އެކުދިން ހުތުރު ކަމުގައި ދެކޭނީ އެދުރުން އެގޮތަށް ދެކޭ އެއްޗެއް ކަމަށް ހުތުބާގައި ބުންޏެވެ.

އެހެންކަމުން އެކުދިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ, އެދީނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަށާއި އެދުރުން އެކުދިންނަށް ރިވެތި ނަމޫނާ ދެއްކުމަށް ހުތުބާގައި ގޮވާލި އެވެ.

މައިންބަފައިންނަށް ގޮވާލައި ހުތުބާގައި ބުނީ, ދަރިންނަށް ތައުލީމު ދިނުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރަކީ އެކަމަށް ތައުރީފު ހައްގު ދައުރެއް ކަމަށެވެ. އަދި ދަރިންނަކީ މާތް الله އަހަރެމެންނާ ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެއް ކަމަށާއި އެކުދިން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށް ބޮޑު ކުރެވިއްޖެ ނަމަ, އެކުދިންގެ ހެޔޮދުއާގެ މަންފާ މައިންބަފައިންނަށް ކުރާނެ ކަމަށް ހުތުބާގައި ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.