Fri, 30 September, 2022, 6:08 pm

ގަސްދުގައި މުއުމިނަކު މަރާ މީހާގެ ޖަޒާއަކީ ނަރަކައެވެ. ﷲ އޭނާއަށް ކޯފާއާއި ލައުނަތް ލެއްވިއެވެ.

ގަސްދުގައި މުއުމިނަކު މަރާ މީހާގެ ޖަޒާއަކީ ނަރަކަ ކަމަށް މާތް الله ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ނަފްސުގެ ހުރުމަތްތެރިކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله ހެއްދެވި ގިނަ މަހުލޫގުންގެ މައްޗަށް އެކަލާނގެ އިންސާނާ މާތްކުރައްވައި, މަތިވެރި ކުރައްވާފައިވާ ކަމަށާއި އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް الله ވަނީ އިންސާނާގެ ހިދުމަތުގައި ލައްވާފައިވާ ކަމަށެވެ.

އެހެންކަމުން އިސްލާމް ދީނުގެ ނަޒަރުގައި އިންސާނުންގެ ނަފުސަކީ ވަރަށް ބޮޑަށް ހުރުމަތްތެރި ވެގެންވާ އެއްޗެއް ކަމަށާއި ހައްގަކާ ނުލައި އިންސާނަކު ގަތުލު ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, މިއަދު އަހަރެމެންގެ މުޖުތަމައުން އެ ބޮޑު ފާފައަށް އަެރައިގަތުން ދެކެނީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެއްގެ ގޮތުގައި ކަމަށެވެ. އަދި އެއްވެސް ރަހުމަތް ބިރުވެރިކަމެއް ނެތި, ހުރުމަތްތެރި ކުރެވިފައިވާ އިންސާނާ މަރާލުމަށްފަހު ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ހަރާމް ކުރައްވާފައިވާ އަމަލެއް ކަމުގައިވާ, ގުނަވަންތައް ބުރިބުރިކޮށް ވަކިކުރާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ނުހައްގުން އެންމެ ނަފުސެއްވެސް މަރާލުމަކީ ހުރިހާ އިންސާނުން މަރާލުންފަދަ ނުބައިކަން ބޮޑު އަމަލެއް ކަމުގައި ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. އަދި މުއުމިނެއްގެ މައްޗަށް އަނިޔާވެރިވުމަކީ މާތް الله ގެ ހަޟްރަތުގައި ވަރަށްބޮޑު ކަމެއް ކަމަށާއި ހައްގު ގޮތުގައި މެނުވީ އެއްވެސް މީހަކު ގަތުލު ނުކުރުމަށް ކީރިތި ޤުރުއާނުގައި އަމުރު ކުރައްވާފައިވާ ކަމަށްވެސް ބުންޏެވެ.

ހައްގަކާ ނުލައި މީހަކު މަރައިފި ނަމަ އެމީހެއްގެ ކިބައިން ގިސާސް ހިފަން ޖެހޭނެކަން ފާހަގަކޮށް ހުތުބާގައި ބުނީ, ނުހައްގުން މީހުން މެރުމާއި މީހުންގެ ނަފުސަށް ގެއްލުން ދިނުން ހުއްޓުވުމަށް އޮތް ނިހާއީ ހައްލަކީ, އިލާހީ ޝަރީއަތް ތަންފީޒުކޮށް ގިސާސް ހިފުން ކަމުގައި ކީރިތި ޤުރުއާނުގައި މާތް الله އަންގަވާފައިވާ ކަމަށެވެ.

ހުތުބާގައި ބުނީ, ހައްގަކާ ނުލައި ގަސްދުގައި މުއުމިނަކު މަރާލުމަކީ الله ގެ އަޒާބާއި ކޯފާ އާއި އެކަލާނގެ ލައުނަތް އެމީހެއްގެ މައްޗަށް ލެއްވިގެންވާ ކަމެއް ކަމަށެވެ. މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.

“އަދި ގަސްދުގައި މުއުމިނަކު މަރާ މީހާ ދަންނާށެވެ! ފަހެ, އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި الله އެމީހާގެ މައްޗަށް ކޯފާލައްވައި, ލައުނަތް ލެއްވިއެވެ. އަދި ބޮޑުވެގެންވާ އަޒާބު އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.,”

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.