Fri, 30 September, 2022, 5:57 pm

މުދަލާއި އަނބި ދަރިންނަކީ އަޅުތަކުން ކިޔަމަންވާވަރު ބެއްލެވުމަށް ހުށަހެޅޭ އިމްތިހާނެއް!

ދުނިޔޭގައި މާތް الله ދެއްވާ މުދަލާއި އަނބިދަރިންނަކީ އަޅުތަކުން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރާވަރު ބެއްލެވުމަށްޓަކައި ހުށަހެޅޭ އިމްތިހާނެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ދުނިޔޭގެ ދަޅަތަކަށް ހެއްލުންތެރި ނުވާށެވެ!” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މާތް الله އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައި ވަނީ ނިސްބަތުން ވަރަށް މަދު ދުވަސްކޮޅަކަށް ކަމަށާއި ކޮންމެ މީހަކީވެސް ވަކި އަޖަލެއް ކަނޑައެޅިފައިވާ މީހެއް ކަމަށެވެ.

އަދި ކޮންމެ މީހަކީވެސް އެ މީހެއްގެ ދަންފަޅި ހަމަކުރުމަށްފަހު މާތް اللهގެ ހަޟްރަތަށް އެނބުރި ދާންޖެހޭނޭ މީހެއް ކަމަށާއި އެއްވެސް މީހަކީ ތާއަބަދު މި ދުނިޔޭގައި ހުންނާނޭ މީހެއް ނޫންކަން އަހަރެމެން އެންމެންވެސް ދަންނަ ކަމަށް ބުންޏެވެ

ހުތުބާގައި ބުނީ, ދުނިޔޭގައި އުޅުމަށްޓަކައި މާތް الله އަހަރެމެންނަށް ދެއްވާފައިވާ ހަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި, އުހްރަވީ ހަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި އިންސާނާ މި ދުނިޔެއަށް ފޮނުއްވާފައި ވަނީ އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމަށް ކަމަށްވެސް ބުންޏެވެ.

ނަމަވެސް އަހަރެމެން ވޭތިކުރަމުން މިދާ ދުންޔަވީ ހަޔާތަކީ ހެއްލުންތެރި ކެހިވެރި ތަނެއް ކަމަށާއި މި ދުނިޔޭގެ ކުލަވަރުތަކަކީ އަވާ މެންދުރެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބުނީ, މި ދުނިޔޭގެ ލައްޒަތާއި އުފަލާއި އަރާމަކީ ދަޅަތަކެއް ފަދަ ވަގުތީ އެއްޗެއް ކަމަށެވެ.

ދުނިޔޭގައި މާތް الله ދެއްވާ މުދަލާއި އަނބިދަރިންނަކީ އަޅުތަކުން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރާވަރު ބެއްލެވުމަށްޓަކައި ހުށަހެޅޭ އިމްތިހާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ, ދުނިޔެއިން ލިބޭނެހައިވެސް އެއްޗަކީ އާހިރަތުގެ ދަރުމައާއި ސަވާބު ހޯދުމަށްޓަކައި ކުރާ ހެޔޮ އަމަލުތަކުގެ ނަތީޖާ ކަމަށެވެ. އަދި މުއްސަނދިންނާއި ފަގީރުންނާއި މޮޅާއި ދެރަ ލައްވާފައި ވަނީ އެބައިމީހުން ކުރާ ހެޔޮ އަމަލުތަކުގެ މިންވަރު ބެއްލެވުމަށް ކަމަށް ބުންޏެވެ

ހުތުބާގައި ބުނީ, އުހުރަވީ ހަޔާތަކީ މި މާއްދީ ދުނިޔެހެން ނިމި ފަނާވެގެންދާނޭ ހަޔާތެއް ނޫން ކަމަށާއި އެއީ ލޮލަށް ނުފެންނަ ރޫހާނީ ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ތާއަބަދުގެ ހަޔާތެއް ކަމަށެވެ. ނަމަވެސް ސުވަރުގެއަށް ދިއުމުގެ މަގަކީ ތަކުލީފުތަކާއި އުދަނގޫތަކުން ފުރިފައިވާ މަގެއް ކަމަށާއި މުންކަރާތްތަކާއި ފާހިޝް އަމަލުތަކާއި ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ ދަތި އުދަނގޫ މަގެއް ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, އާހިރަތް ދުވަހުގެ ބާއްޖަވެރިކަމަށް އެދޭ މީހާ އަބަދުވެސް ތައުބާވުން މަތީގައި ދެމިހުންނާނެ ކަމަށާއި ތައުބާވުމަކީ ބާއްޖަވެރިކަމާއި ފަލާހުގެ މަގު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.