Fri, 30 September, 2022, 6:08 pm

ފެނާންޑޭޒްގެ ލަނޑާއެކު ޔުނައިޓެޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތްހެމްޓަން އަތުން މޮޅުވެ, ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ސައުތްހެމްޓަން ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޔުނައިޓެޑް މޮޅުވީ 0-1 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު, މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒެވެ.

މި މޮޅާއެކު ޔުނައިޓެޑް ތާވަލުގެ ހަ ވަނަ އަށް ޖެހިލާފައިވާ އިރު, މި މޮޅުގެ ކުރިން ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު ހަތް މެޗުންވެސް ވަނީ ބަލިވެފަ އެވެ.

އަދި މިއީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުން ލީގުގައި ޔުނައިޓެޑުން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މި ސީޒަންގެ ލީގުގައި ޔުނައިޓެޑަށް ފުރަތަމަ މޮޅު ލިބުނީ ހުސްވި ހަފުތާގައި ވާދަވެރި ލިވަޕޫލް އަތުންނެވެ.

ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް މިއަދުގެ މެޗަށްވެސް ޔުނައިޓެޑުން ނެރުނު ފުރަތަމަ 11 ގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކެޕްޓަން ހެރީ މެގުއަޔާ ހިމަނާފައެއް ނުވެ އެވެ. ނަމަވެސް މެޗުގެ ފަހު 20 މިނެޓުގައި ރޮނާލްޑީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ.

އޭގެ އިތުރުން ރެއާލް މެޑްރިޑުން ޔުނައިޓެޑަށް ބަދަލުވި ބްރެޒިލްގެ މިޑްފީލްޑަރު ކަސިމޭރޯވެސް މިއަދުގެ މެޗަށް ނެރެ, ޔުނައިޓެޑަށް އޭނާގެ ފުރަތަމަ މެޗު ވަނީ ކުޅެފަ އެވެ. އޭނާ ނެރުނީ މެޗުގެ ފަހު 10 މިނެޓަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.