Fri, 30 September, 2022, 6:14 pm

ކޮންމެ ކަމެއްގެ ހައްލަކީ އަނިޔާކޮށް, ދޮގު ވާހަކަ ފަތުރައި އަނެކުންގެ ކުށް ހޯދުމެއް ނޫން: ހުތުބާ

ކޮންމެ ކަމެއްގެ ހައްލަކީ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރުމާއި ހުތުރު ބަހުން މުހާތަބު ކުރުމާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ހުތުރުކަން ބޮޑު ވާހަކަތައް ފެތުރުން ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ސުލްހަވެރި މުޖުތަމައެއް ބިނާކުރުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ހިނގަމުން މިދަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަނގުރާމަތަކާއި ލޭ އޮހޮރުވުން އާންމުވަމުންދާ ދުވަސްވަރެއް ކަމަށާއި އިގުތިސާދީ ހީނަރުކަމާއި މަގާމާއި ނުފޫޒާއި ޖާހަށްޓަކައި އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރާ ދުވަސްވަރެއް ކަމަށެވެ.

މިފަދަ ފިތުނަވެރި ކަމެއްގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއްގައި ރާއްޖެ ގަދަ ޖަޒީރާ ގައުމުތަކަށް އެކަންކަމުގެ އަސަރު ފޯރިޔަނުދިނުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށާއި ނޫން ނަމަ އަހަރެމެންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި, ފުނޑުފުނޑުވެ, ނޭނގި ތިއްބައި އިސާހިތަކު ގައުމުގެ އެއްބައިވަންކަމާއި ކުރިއެރުމާޢި އިގުތިސާދު ހަލާކުވެދާނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, މުސްލިމުން ވާންވާނީ އަބަދުވެސް ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ކަމަށާއި ޒާތީ މަސްލަހަތު ކުރިއަށް ނެރެ, ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.  އަދި އިސްލާހު ކުރުމަށްޓަކައި މަސައްކަތްކުރާހައި ހިނދަކު, މާތް الله އަހަރެމެންނަށް އެކަމަށް ތައުފީގު ދެއްވާނެކަން ކަށަވަރު ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި ޝަރަފު ނަގައިލުމާއި ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަންކަން ކަމަށެވެ. އަދި މުޖުތަމައެއްގައި ފަސާދަ އާންމުވެއްޖެ ނަމަ, މާތް الله އެބަޔަކަށް އުގޫބާތް ދެއްވާ ކަމަށް ބުންޏެވެ.

މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އަންގަވާފައިވަނީ ކަމުވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާކޮށްގެންކަން ފާހަގަކޮށް ހުތުބާގައި ބުނީ, ކޮންމެ ކަމެއްގެ ހައްލަކީ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރުމާއި ހުތުރު ބަހުން މުހާތަބު ކުރުމާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ހުތުރުކަން ބޮޑު ވާހަކަތައް ފެތުރުމާއި އަނެކުންގެ ކުށް ހޯދުން ކަމުގައި ވަނީނަމަ, އެއީ މުސްލިމުންގެ މެދުގައި މައްސަލަތައް އުފެދޭ ހިނދު އެކަންކަން ހައްލުކުރަން މާތް اللهއަންގަވާފައިވާ ރިވެތި ގޮތް ނޫން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.