Fri, 30 September, 2022, 5:00 pm

ޗެލްސީން ފަހަތުން އަރައި ވެސްޓް ހޭމް ބަލިކޮށްފި، ހުރިހާ ކްރެޑިޓެއް ޗިލްވެލްއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ފަހަތުން އަރައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ގޯލެއް ފެނިފައި ނުވާ އިރު، ލީޑު ނެގީ ވެސްޓް ހޭމުންނެވެ. ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ހެދި ގޯހެއްގެ ފައިދާ ނަގައި ވެސްޓް ހޭމަށް އެ ގޯލު ކާމިޔާބު ކޮށްދިނީ މިކޭލް އެންޓޯނިއޯ އެވެ.

މެޗުގައި ޗެލްސީ މޮޅު ކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ މެޗުގެ 72 ވަނަ މިނެޓުގައި މާކް ކުކުރޭލާގެ ބަދަލުގައި ކުޅެން އެރި ބެން ޗިލްވެލް އެވެ.

އޭނާ ކުޅެން އެރިތާ ހަތަރު ވަނަ މިނެޓުގައި ވަނީ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ޗެލްސީ މޮޅުކޮށްދިން ގޯލު ޖެހުމަށް މަގުފަހިކޮށްދިނީވެސް ޗިލްވެލް އެވެ. އެ ގޯލަކީ އޭނާ ދިން ބޯޅައަކުން އޭރިއާ ތެރެއިން ކައި ހަވާޓްޒް ކާމިޔާބު ކުރި ގޯލެކެވެ.

މެޗުގެ އިތުރު ވަގުތުގައި ވެސްޓް ހޭމުގެ މެކްސްވެލް ކޯނޭ ވަނީ ގޯލެއް ޖަހައިފަ އެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ، އެ ގޯލު ޖެހުމުގެ ކުރިން ކީޕަރު މެންޑީއަށް ފައުލްކޮށްފައިވާތީ ގޯލު ބަލައިނުގަތުމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.