Fri, 30 September, 2022, 5:22 pm

ޗާލްސް އިނގިރޭސި ރަސްކަމަށް

އިނގިރޭސިވިލާތުގެ ރަސްކަަމާ ޗާލްސް ހަވާލުވެވަޑައިގެންފިއެވެ.

ރާނީ އެލިޒަބެތް އަވަހާރަވެފައިވާކަން ޝާހީ އާއިލާގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ކަށަވަރުކޮށްދީފައިވާއިރު، ރާނީ އަވަހާރަވުމުން އެކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް ވާނީ އެ ގައުމުގެ ރަސްގެފާނަށެވެ. އަދި މާދަމާއިން ފެށިގެން ޗާލްސް އެކަން އިއުލާން ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޔަށް ފަހު ޗާލްސް އެ ގައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާނެ ކަމަށާއި، އިނރިރޭސި ވިލާތުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ޗާލްސް ހުވާކުރާނެ ކަމަށް ބެލެވެނީ މީގެ އެތައް މަހެއްގެ ފަހުންނެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުން ކެމިލާއަށް އެ ހަފްލާގައި ރާނީގެ ލަގަބުވެސް ލިބޭނެއެވެ. ރިޕޯޓުތައް ބުނާގޮތުން ހުވާކުރުން ފަސްކުރަނީ ހިތާމަފާޅުކުރުމަށް ވަގުތު ދިނުމަށާއި، ހަފްލާއަށް ތައްޔާރުވުމަށެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން ރަސްގެފާނު ޗާލްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މުޅި ގައުމާއި ކޮމަންވެލްތުވެސް އެކަމުގެ ހިތާމަފާޅުކުރާނެ ކަމަށެވެ. އަދި ވަކިވެގެން ދިޔައީ ރާނީއެއްގެ އިތުރުން ލޯބިވާ މަންމައެއް ކަމަށް ވިދާޅުވިއެވެ.

ރާނީ އަވަހާރަވީ އެކަމަނާގެ ސިއްހީ ހާލަތު ގޯސްވެ، ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ބެލްމޮރަލް ގަނޑުވަރުގައި އޮންނަވަނިކޮށެވެ. އަދި އެކަމަނާގެ އާއިލާގެ މެންބަރުން އެކަމަނާގެ އަރިހަށް ވަޑައިގެންނެވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ރާނީ އަވަހާރަވިކަން ކަށަވަރުކޮށް ކުރި ޓްވީޓުގައި ބުނީ ރަސްގެފާނާއި މުސްތަގުބަލުގެ ރާނީ ހުންނެވީ ރާނީގެ އަރިހުގައި ބެލްމޮރަލް ގަނޑުވަރުގައި ކަމަށެވެ. އަދި މާދަމާ އެ ދެކަނބަލުން ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.