Fri, 30 September, 2022, 3:11 pm

ނުބެހޭ ކަންތަކާ ބެހި, ބޭކާރު އަނގަތަޅާ, މީހުންގެ އައިބުތައް ހާމަކޮށް ފަތުރާ މީހުން ގިނަވެއްޖެ: ހުތުބާ

މި ޒަމާނުގައި ކޮފީތަކުގައާއި ޓުވިޓާ އާއި ފޭސްބުކްފަދަ ތަންތަނުގައި މީހުންގެ އައިބުތައް ހާމަކޮށް ފަތުރާ މީހުން ގިނަވެއްޖެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ދެބަސްވުމުގެ އަދަބުތައް” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މާތް الله އެކަލާނގެ ހަލްގުކުރެއްވި އެއްޗެހި ތަފާތު ޖިންސުތަކަށް, ތަފާތު ގިންތިތަކަށް ތަފާތު ސިފަސިފައިގައި ހެއްދެވީ އަހަރެމެން އެއިން ފައިދާ ލިބިގަތުމަށްޓަކާ ކަމަށެވެ.

އަދި އެއީ އެއިން މޮޅު ވިސްނުންތަކާއި ހަރުދަނާ ހިޔާލުތައް ހޯދައި, އޭގެ ބޭނުންކޮށްގެން އަހަރެމެންގެ އުފެއްދުންތައް ގިނަކޮށް ކާމިޔާބީތައް އިތުރުކޮށް ރުޅިވެރިކަމާއި އަދާވާތްތެރިކަމާއި ގުޅުން ކެނޑުމާ ދުރުހެލިވުމަށްޓަކާ ކަމަށްވެސް ބުންޏެވެ.

ހިޔާލު ތަފާތުވިޔަސް ވާހަކަދެއްކުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކެއްވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެކަކު އަނެކަކުގެ އަބުރު ކަތިލައިގެން ނުވާނެ ކަމަށާއި އެކަކު އަނެކަކުގެ އިއްޒަތާއި ކަރާމަތަށް އަރައިގަނެގެން ނުވާނެ ކަމަށެވެ. އަދި މުސްލިމުންނަކީ ހިޔާލު ފާޅުކުރުމުގެ ރިވެތި އުސޫލުތަކުގައި ހިފައްހައްޓައިގެން މީސްތަކުންނާ މުއާމަލާތުކޮށްފައިވާ ބައެއްކަން އިސްލާމީ ތާރީހުންނާއި އިލްމުވެރިން ދައްކުވައިދެއްވާފައިވާ ކަމަށް ބުންޏެވެ.

އެހެންކަމުން އަހަރެމެން މުސްލިމުން ޖަދަލު ކުރަންވާނީ މާތް الله ގެ ވަޖްހުފުޅަށްޓަކައި ހައްގަށް ވާސިލުވުމަށް ކަމަށާއި ރައުޔު ތަފާތުވުމުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަމުގައި ރެނދުއެޅުނަނުދީ, ސަފުތައް ރޫޅިގެން ދިޔަދީގެން ނުވާނެ ކަމަށް ހުކުރު ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, އަހަރެމެންނާ ހިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށް, މުޖުރިމަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ދީނީ މައްސަލަތަކުން މައްސަލައެއްގައި ބަހުސްކުރާނަމަ އެ މައްސަލައަކާ ބެހޭ ގޮތުން އިލްމުވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުތައް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށާއި ރައްޔު ތަފާތުވާ ކޮންމެ ވަގުތަކު ސޯޝަލް މީޑިއާއަށް އަރައި, ހުޅު ރޯކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް ބުންޏެވެ.

ހުތުބާގައި ބުނީ, ހުތުރު ބަސްތަކާ އެކަހެރިވާ ބަޔަކަށް ވުމަށް އިސްލާމް ދީން އިރުޝާދު ދީ, މަގު ދެއްކިޔަސް އަހަރެމެންގެ ތެރޭގައި ޝައިތާނީ ވަސްވާހުގައި ޖެހި ބޭކާރު އަނގަތެޅުމަށް ލޯބިކުރާ ބަޔަކުވާ ކަމަށާއި އެމީހުން އެ މީހުންނާ ނުބެހޭ ކަންތަކާ ބެހި, ދީނުގެ މައްސަލަތަކުގެ ތެރެއަށް ވަދެ, މީސްތަކުން މަގުފުރައްދާ ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ, ޓުވިޓާ އާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި މުސްލިމުންގެ އަބުރާއި އިއްޒަތަށް ބުރޫއަރާ ގޮތަށް ދައްކާ ވާހަކަތަކަކީ މަނާކުރައްވާފައިވާ ނެތިމޮށުމާއި އީބަބުނުމުގެ ތެރޭގައި އަމަލެއް ކަމަށާއި އެއީ މީސްތަކުން ބައިބައިކުރުމަށާއި މީހުންގެ ހިތްތަކުގައި ރުޅިވެރިކަމުގެ އަލިފާން އެންދުމަށްޓަކައި ބޭނުންކުރާ ދަރެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.