Fri, 30 September, 2022, 11:47 am

ޔޫމެޓް ސްކޫބާއިން ޑައިވިން މާސްޓާސް ކޯހެއް ފަށަނީ، 5000ރ. ގެ އެލަވަންސެއް ލިބޭނެ

ޑައިވިން ދާއިރާއިން މާސްޓަސް ލެވެލްއަށް ކިޔަވައިދޭ ކޯހެއް ފެށުމަށް ގދ. ތިނަދޫގައި ހިންގާ ޔޫމެޓް ސްކޫބާ ޑައިވް ސްކޫލުން ތައްޔާރުވެއްޖެ އެވެ.

މިއީ ކޮވިޑާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ވަޒީފާގެ ބާޒާރަށް ނެރެ ވަޒީފާގެ ފުރުސަތު ހޯދުމަށް އެހީވުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން އެ މިނިސްޓްރީއާ ގުޅިގެން ތިނަދޫގައި ފަށާ ޑައިވިން ދާއިރާގެ މާސްޓާސް ލެވެލްގެ ފުރަތަމަ ކޯހެވެ.

މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވާ އާދީއްތަ ދުވަހު އެވެ.

ޔޫމެޓް ސްކޫބާއިން ބުނީ އެ ސެންޓަރުން މިފަހަރު ހިންގުމަށް ހަމަޖެހިފައިވާ ޑައިވިން މާސްޓާސް ކޯހަށް ހުވަދޫ އަތޮޅުގައި ޑައިވިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

އެންމެފަހުގެ ވަސީލަތްތައް ބޭނުންކުރާ ޔޫމެޓް ސްކޫބާއަކީ އެންޑީ އެލްގައި ރަޖިސްޓްރީ ވެފައިވާ 5 ތަރީގެ ޑައިވް ސްކޫލެކެވެ. ތިނަދޫގެ ހިތްފަސޭހަ ސަރަހައްދެއްގައި އެ ސްކޫލް ހުޅުވީ 3 އޮކްޓޯބަރު 2020 ގައެވެ.

 

އުމުރުން 16 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށް ބައިވެރިވެވޭ މި ކޯހުގައި 18 އަހަރު ނުފުރޭ ފަރާތްތަކަށް ބައިވެރިވެވޭނީ ބެލެނިވެރިއެއްގެ ހުއްދައާއެކު އެވެ. ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ރިސޯޓް އަދި ޑައިވް ސެންޓަރުތަކުން ޑައިވިންގެ ދާއިރާއިން ވަޒީފާ ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ޔޫމެޓް ސްކޫބާއިން ބުނީ ކޯހުގެ ކިޔަވާ ފަރާތަކުން އެއްވެސް ފީ އެއް ދައްކަން ނުޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ޕްރޮގްރާމްގެ ބައިވެރިންނަށް 5،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އެކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ތަފުސީލު ޖޮބް ސެންޓަރުގެ ވެބްސައިޓުންނާއި ޔޫމެޓް ސްކޫބާއިން ލިބޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.