Fri, 30 September, 2022, 4:47 pm

އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބަހައްޓަން އަންގައިފި

އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބަހައްޓަން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ ޤާނޫނު ނަންބަރު 2009/5 “އެއްޤަމު ދަތުރު ފަތުރު ޤާނޫން” ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ ޤަވާޢިދު “އެއްޤަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދު”ގެ 8 ވަނަ މާއްދާ އަދި މިޤަވާޢިދުގެ 9 ވަނަ މާއްދާގައިވާ ފަދައިން ނޫންކަމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް އަންގާކަމަށެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ޤަވާއިދުގައިވާގޮތުން އެއްގަމުގައި އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށްފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާ ނުވަތަ ރަޖިސްޓްރާ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ޤަވާއިދުގައި ފާހަގަކޮށްފައިވާގޮތަށް ހަރުކުރުމަށްފަހުއެވެ. އެގޮތުން ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަންވާނީ “އޭރިއަލް ބޯލްޑް” ފޮންޓުންނެވެ.

އަދި ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށްވުރެ ދިގުކޮށް ރަޖިސްޓްރީ ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ހުރުމަކީ މަނާކަމެކެވެ. އަދި ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންކުރުމާއި، އަކުރުތައް އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަގޮތަށް ހަދައިގެން ބޭނުންކުރުމަކީވެސް މަނާކަމެކެވެ.

ހަމައެހެންމެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީވެސް މި ޤަވާއިދުގެ ދަށުން މަނާކަމެކެވެ.

މި ޤަވާއިދުގެ ދަށުން ވިޔަފާރި އުޞޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަންވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. އަދި ކޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ. އަދި މި ނޫން އެހެން އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައެވެ. މިއާ ޚިލާފަށް އިންޖީނުލީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހަރުކޮށްގެން ބޭނުންކުރުމާއި، ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.