Fri, 30 September, 2022, 6:34 pm
ކްރިމިނަލް ކޯޓުގެ ނަން ބޯޑު --- ހަފްތާ ފޮޓޯ

ވަގަށް ނެގި ސައިކަލުގައި ގޮސް މީހެއްގެ ފޯނު ފޭރިގަތް މީހަކު 3 އަހަރަށް ގޭ ބަންދަށް!

ވަގަށް ނެގި ސައިކަލެއްގައި ގޮސް މީހެއްގެ އަތުން ފޯނެއް ފޭރިގަތުމުގައި ބައިވެރިވި މީހަކު ތިން އަހަރަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މ. ވައިޓްފިޝް/ އިބްރާހިމް ޝަރީފުގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއެއްގެ މައްސަލައެކެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުގައި ބައިވެރިވުމުގެ ކުށުގެ މައްސަލައަކާއި ވައްކަންކުރުމުގެ ކުށުގެ މައްސަލައެކެވެ.

ޝަރީފުގެ މައްޗަށް ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލީ 31 ޖުލައި 2020 ވަނަ ދުވަހުގެ ރޭގަނޑު 8:04 އެހާކަންހާއިރު އޭނާ އިތުރު މީހަކާއެކު ނަސަންދުރާ ކުރިމަތީ ޕާކުކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާތީ އެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލީ މަގުމަތިން އަންހެނަކު ހިނގާފައި ދަނިކޮށް, ވަގަށް ނެގި ސައިކަލު އެ އަންހެން މީހާއާ ގާތްކޮށްލި ވަގުތުގައި ސައިކަލުގެ ފަހަތުގައި އިން މީހާ އަންހެން މީހާގެ އަތުގައި އޮތް ސަމްސަންގް ނޯޓް 10 ޕްލަސް ބްރޭންޑުގެ މޯބައިލް ފޯނު ޖަހައިގަތުމުން އޭނާ އެ ސަރަހައްދުގައި މަޑުނުކޮށް ދުއްވަން އިން ސައިކަލުގައި އެތަނުން ފިލުމަށްފަހު, އޭނާގެ ބައިވެރިވުމާއެކު އެ ފޯނު އެހެން މީހަކަށް 2,500 ރުފިޔާއަށް ވިއްކާލާފައިވާތީ އެވެ.

ވަކިވަކިން ކުރިއަށް ގެންދިޔަ މި ދެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޝަރީފު ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި ދައުވާއަށް އިއުތިރާފުވެފައިވާތީ ބޭއްވި އަވަސްނިޔާގެ އަޑުއެހުމުގައިވެސް އެ އިއުތިރާފު އޭނާ ދަމަހައްޓައި, އަދަބު ވީހާވެސް ލުއިކޮށްދިނުމަށް އެދިފައިވެ އެވެ.

މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއުވެސް ވިދާޅުވީ, މިފަދަ ކުށްތަކުގައި ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަށާއި ދައުވާލިބޭ ފަރާތް ކުށުގެ ވެށިން ދުރުވުމަށް ބާރު އެޅޭ މިންވަރަށް ރިއާޔަތްކުރާއިރު, ޖަލު އަދަބު ކަނޑައެޅުމުގެ މަސްލަހަތަށްވުރެ އެނޫން އަދަބެއް ކަނޑައެޅުމުގެ މަސްލަހަތު ބޮޑުކަން ޝަރީއަތަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ޝަރީއަތުން ނިންމީ ވައްކަންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޝަރީފު ތަންފީޒުކުރަންޖެހޭ 1 އަހަރާއި 6 މަހާއި 21 ދުވަހުގެ ޖަލު ހުކުމް, ތިން އަހަރާއި 1 މަހާއި 12 ދުވަހަށް ގޭބަންދުކުރުމުގެ އަދަބަކަށް ބަދަލުކުރުމަށެވެ.

އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ ޝަރީފު ތަންފީޒުކުރަންޖެހޭ ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބު, ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމުގެ އަދަބަކަށް ބަދަލުކޮށްދެއްވި އެވެ.

އެހެންކަމުން މި ދެ މައްސަލައިގައި ޝަރީފު ތަންފީޒުކުރަންޖެހޭނެ އަދަބަކީ ތިން އަހަރާއި 8 މަހާއި 18 ދުވަހުގެ ގޭބަންދު އަދަބެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.