Fri, 30 September, 2022, 4:56 pm

މިފްކޯގެ 14 އައިސް ޕްލާންޓް ހިންގުމާ ފެނަކައިން ހަވާލުވެއްޖެ

މިފްކޯއިން ހިންގަމުން އައި 14 އައިސް ޕްލާންޓެއް ހިންގުމާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހަވާލުވެއްޖެ އެވެ.

ފެނަކަ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 14 އައިސް ޕްލާންޓާއި އެކަމާ ގުޅޭ ތަކެއްޗާއި މުވައްޒަފުން ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް, ރަމްޒީ ތަޅުދަނޑި ވަނީ ބަދަލުކޮށްފަ އެވެ.

އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ރަސްމިއްޔާތުގައި ފެނަކަ އައިސް ޕްލާންޓުތަކުން މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން އުފެއްދި “ފެނަކަ އައިސް” މޯބައިލް އެޕްލިކޭޝަން ވަނީ އިފުތިތާހުކޮށްފަ އެވެ. އެ އެޕް އިފުތިތާހުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު ސައީދެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ, މިފްކޯގެ އައިސް ޕްލާންޓުތަކަކީ ދުވަސްވީ އަދި ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ޕްލާންޓުތަކެއް ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ބޭނުންވާ އައިސް މިހާރު ހުރި ފެސިލިޓީތަކާއެކު ނުހުއްޓި 24 ގަޑިއިރު ލިބޭނެކަމުގެ ޔަގީންކަން މަސްވެރިންނަށް އަރުވާ ކަމަށެވެ.

“ފާއުތިވެދިޔަ ހަފުތާއެއްހާ ދުވަހު ވަރަށް ގިނަ ބޭފުޅުން ސުވާލު އުފައްދާ މިފްކޯއިން ނުއުފައްދާ އެއްޗެއް ފެނަކައިން އުފައްދަނީހޭ? ވަރަށް ރަނގަޅު ވާހަކައެއް, ވަރަށް ރަނގަޅު ސުވާލެއް އެއީ. ފެނަކައިން އާ އެއްޗެއް އުފައްދައިދޭނެ. އެ އެއްޗަކީ އިތުބާރާއި ޔަގީންކަން,” ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, މި މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ހުއްޓިފައި ހުރި ނުވަތަ މަރާމާރުކުރަންޖެހޭ ޕްލާންޓުތައް ދެނެގަނެ, އެކަންކަން ހައްލުކޮށް އެ ޕްލާންޓުތައް 24 ގަޑިއިރު ހިންގާލެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި ޕްލާންޓުތައް ހިންގުމަށް ހިނގާ ހަރަދުކުޑަކުރުމުގެ ގޮތުން އެތަންތަން ކޭބަލް ނެޓްވޯކާ ގުޅާލައި, ސޯލާ ޕެނަލް ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ހަރުކުރާނެ ކަމަށް ވިދާޅުވި އެވެ.

“ވިސްނުމުގައި އެބަހުރި އައިސް ޕްލާންޓް އޮޕަރޭޓްކުރާ ތަންތަނުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖްތަކެއް, ލޮކާތަކެއް ގާއިމުކޮށްގެން އެތަންތަނުގައި މަސް ރައްކާކޮށްގެން ވިއްކޭނެ ނިޒާމެއް ގާއިމުކުރުން: އަޅުގަނޑަށް ގަބޫލުކުރެވެނީ އެފަދަ ނިޒާމަކުން މިކަން ކުރެވިއްޖެ ނަމަ މަސްވެރިން ބާނާ މަހަށް މި ސަރުކާރުން ވަރަށް ބޮޑު ތަސައްލީއެއް އެ ހޯދައިދެވެނީ. އެއީ ދުރުރާސްތާ ވިސްނުމެއް, ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނަން,” ސައީދު ވިދާޅުވި އެވެ.

އޭގެ އިތުރުން މޫސުމީ މަސްވެރިކަމަށް ބަލާފަ މަސްވެރިންނަށް އައިސް ލިބުމުގައި ކްރެޑިޓް ސްކީމެއްވެސް ތައާރަފުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.