Fri, 30 September, 2022, 5:49 pm

އެއްޖިންސުން ގުޅުން ހިންގި ޕޮލިސް ރަފީއު 1 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރް އާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު 1 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލާގައި މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ރަފީއު ވަނީ ކުށަށް އިއުތިރާފުވެ އާއްމުންގެ ކިބައިން މައާފަށް އެދިފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހުކުމް ކުރީ ކުރިމިނަލް ކޯޓުގައި މިއަދު ސިއްރުން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގަ އެވެ.

ރަފީއުގެ މައްޗަށް ދައުލަތުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާކުރީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

ރަފީއުއަށް ދައުލަތުން ދައުވާކުރީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. އެހެންކަމުން ރަފީއުއަށް ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ އަސްލު ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އަދަބު ކުޑަވީ އެވެ.

އެހެންކަމުން އޭނާ ތަންފީޒުކުރަންޖެހޭ ހުކުމެެއްގެ ގޮތުގައި ކަނޑައެޅީ އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެވެ. އެއީ އެ މައްސަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގީރްއާއި ގާނޫނީ ވަކީލް ނާޒިމް ސައްތާރަށްވެސް ވަނީ ހުކުމްކޮށްފަ އެވެ. އަލަމްގީރް ހަތް މަހަށް ޖަލަށްލި އިރު، ނާޒިމަށް ހުކުމްކުރީ ތިން މަހާއި 26 ދުވަހު ގޭ ބަންދުކުރުމަށެވެ.

މި މައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދަށެވެ. އޭނާގެ ޝަރީއަތްވެސް ވަނީ ފަށައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.