Thu, 8 December, 2022, 12:27 pm
ކުރީގެ ރައީސް މައުމޫން --

އަޒުހާން ހޯދަން ފުލުހުން ތަހުގީގު ހިންގީ އެންމެ ފުރިހަމައަށްތޯ ބަލައިދޭން އެމްއާރުއެމުން ގޮވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒްހާން ހޯދުމަށް ފުލުހުން ތަހުގީގު ހިންގީ އެންމެ ފުރިހަމައަށްތޯ ބަލައި ދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ގެއްލިގެން ރިޕޯޓްކުރި އަޒްހާން، 27އ. އެންމެ ފަހުން ފެނުނު ކަމަށް ފުލުހުން ބުނަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ފޭސް 1ގައި ހުންނަ ރެޑްބުލް ޕާކު ސަރަހައްދުންނެވެ. އެ މައުލޫމާތު ފުލުހުން ހިއްސާކުރީ އެ މަހުގެ 26 ވަނަ ދުވަހު އެވެ.

ނަމަވެސް އިއްޔެ ހަވީރުގެ ވަގުތެއްގައި އަޒްހާން އެންމެ ފަހުން ފެނުނު ކަމަށް ބުނާ ރެޑްބުލް ޕާކުން، މަގު ހުރަސްކޮށް ހުޅަނގަށް އޮތް ގަސްތަކުގެ ތެރެއިން އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ވަރަށް ބޮޑަށް ކުނިވެފައި އޮތުމުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާ އިރު، ފުލުހުން ވަނީ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފަ އެވެ.

ނަމަވެސް އަޒްހާން ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް އަންނަނީ ފެންމަތިކުރަމުންނެވެ. ހާއްސަކޮށް އަޒްހާން ހޯދަން، އޭނާ ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދު ނުބެލި 15 ދުވަސްވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

އެކަމާ ގުޅިގެން އެމްއާރުއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޒްހާންގެ މަރުގެ މައްސަލަ ފުލުހުން “ހޮމިސައިޑް” ތަހުގީގެއްގެ ގޮތުގައި ބަލަމުން އަންނަ އިރު، ފުލުހުން ހިންގާފައިވާ ތަހުގީގާ މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އަޒްހާން ގެއްލިގެން ރިޕޯޓު ކުރުމުން، އޭނާ ހޯދުމަށް ފުލުހުން އެ ސަރަހައްދު ރަނގަޅަށް ބަލާފާސްކުރިތޯއާއި އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވާ ސަރަހައްދާ ކިހައި ކައިރި ސަރަހައްދަކުންތޯއާއި ހަށިގަނޑު ފެނިފައިވާ ސަރަހައްދު އެންމެ ފުރަތަމަ ފުލުހުން ހޯދީ ކޮން ދުވަހަކުތޯ ސުވާލު އުފެދިފައިވާ ކަމަށް ބުންޏެވެ.

އެހެންކަމުން އެމްއާރުއެމުން ވަނީ މި މައްސަލައިގެ ތަހުގީގު ފުލުހުން ހިންގާފައިވަނީ އެންމެ ފުރިހަމައަށްތޯ ބަލައި ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ފުލުހުންގެ ބޯޑަށް ގޮވާލައިފަ އެވެ. އަދި އަޒްހާން ހޯދުމަށް ފުލުހުން ހިންގި ތަހުގީގާ މެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވުމަށްވެސް ގޮވާލާފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.