Thu, 8 December, 2022, 3:44 pm
3 އޮކްޓޯބަރު 2022, ހުޅުމާލެ, ހުޅުމާލެއިން ގެއްލުނު މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނު ވަލު ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވަނީ --- ހަފްތާ ފޮޓޯ

އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް އަދި ނުލިބޭ: ފުލުހުން

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހެނދުން ފެށިގެން ގެއްލިގެން އުޅޭ ހ. ބޮނޑިކަނދޮޅުގެ/ އަޒްހާން، 27އ. އެންމެ ފަހުން ފެނުނު ކަމަށް ފުލުހުން ބުނަނީ ހަމަ އެ ދުވަހު ހުޅުމާލެ ފޭސް 1ގައި ހުންނަ ރެޑްބުލް ޕާކު ސަރަހައްދުންނެވެ. އެ މައުލޫމާތު ފުލުހުން ހިއްސާކުރީ އެ މަހުގެ 26 ވަނަ ދުވަހު އެވެ.

ނަމަވެސް އިއްޔެ ހަވީރުގެ ވަގުތެއްގައި އަޒްހާން އެންމެ ފަހުން ފެނުނު ކަމަށް ބުނާ ރެޑްބުލް ޕާކުން، މަގު ހުރަސްކޮށް ހުޅަނގަށް އޮތް ގަސްތަކުގެ ތެރެއިން އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. ނަމަވެސް ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުން އެއީ ކާކުކަން ފުލުހުން އަދި ޔަގީކޮށެއް ނުދެ އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަޒްހާން ހޯދުމުގެ މަސައްކަތުގެ ދަށުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ރެޑްބުލް ޕާކު ސަރަހައްދާއި ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސްކުރި ކަމަށެވެ.

ނަމަވެސް ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖުތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން، ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ރެޑްބުލް ޕާކު އަތިރި މައްޗަށް އަޒްހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން އައިސް ރެޑްބުލް ޕާކާ ދިމާއިން ނިރޮޅުމަގަސް ނުކުންނަކަން އެނގިފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ މައުލޫމާތާއެކު އަޒްހާން ދެން ފެންނާނެ ކަމަށް ބެލެވުނު ތަން އެންމެ ކައިރިން ލިބެންހުރި ސީސީޓީވީ ފުޓޭޖް ނަގައި ބެލި އިރު، އެ ފުޓޭޖުތަކުން އަޒްހާން ފެނިފައިނުވާތީ، އަނެއްކާވެސް ރެޑްބުލް ޕާކް ހިމެނޭ ސަރަހައްދު ބަލައި ފާސްކުރަން ތަހުގީގު ޓީމުން ނިންމި ކަމަށެވެ.

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ކުނިވެފައިވާ ހަށިގަނޑު ފެނުނީ އެގޮތުން އެ ސަރަހައްދު ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށާއި އެ ހަށިގަނޑު ފެނުނު ހިސާބުން ފެށިގެން ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ތަހުގީގު ބަދަލުކޮށް، ތަހުގީ ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

“މުހައްމަދު އަޒްހާންގެ ފޯނު މިހާރު ހޯދިފައިވާއިރު، އަޒްހާން މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އަދި ލިބިފައެއްނުވެއެވެ،” ފުލުހުންގެ ބަޔާނުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.