Thu, 8 December, 2022, 10:00 am

ތިމާގެ އަހާގެ ސިއްރުތަކާއި އުނި ސިފަތައް ހާމަކޮށްފި މީހާ، މާތް ﷲ ފަޟީހަތް ކުރައްވާނެތެވެ!

މުސްލިމުންގެ ސިއްރުތައް ކަޝްފުކޮށް ހާމަކުރަން މަސައްކަތް ކުރާ މީހުންނަށް ކީރިތި ރަސޫލާ އިންޒާރު ދެއްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ތިމާގެ އަހާ ފަޟީހަތް ކުރުމުން ދުރުހެލިވުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އަހުލާގަކީ އިސްލާމް ދީން އެކަމަށް އިސްކަން ދީފައިވާ އަސާސުތަކުގެ ތެރެއިން މަތިވެރި އަސާސެއް ކަމަށާއި ރިވެތި އަހުލާގުގެ ސިޑިން ލާފައި އިންސާނާއަށް ވާސިލުވެވޭ މަންޒިލު ވަރަށް އުސް ކަމަށެވެ.

އަދި އިންސާނަކު ކުރާ އަމަލުތަކުން އޭނާއަށް ވާސިލު ނުވެވޭ ފަދަ މަގާމުތަކަށް, އޭނާގެ ރިވެތި އަހުލާގުގެ ސަބަބުން ވާސިލު ވެވޭކަން ކީރިތި ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ކަމަށް ބުންޏެވެ.

ރިވެތި ސިފަތަކާއި މާތް އަހުލާގުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި އުނި ސިފަތައް ފޮރުވައި ވަންހަނާކުރުންވާކަން ފާހަގަކޮށް ހުތުބާގައި ބުނީ, މާތް الله އަކީ އެކަލާނގެ އަޅުތަކުންނަށް ކުރެވޭ ނުބައި އަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެ ކަމަށެވެ.

އެހެންވެ އިސްލާމް ދީން މުސްލިމުންނަށް އެމީހުންގެ އައުރަ ނިވާކުރުމަށާއި އެހެން މީހުންގެ ސިއްރުތައް ރައްކާތެރިކޮށް ސިއްރުކޮށްދިނުމަށް ގޮވާލާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ އަހަރަމެންނަށް ކުރެވޭ ކުށްފާފަތައް ވަންހަނާ ކުރުމަށް ކީރިތި ރަސޫލާ އަމުރު ކުރައްވާފައިވާ ކަމަށާއި ތިމާ އެފަދަ ކަންކަން އާންމުކޮށް, ފާޅު ނުކުރާހައި ހިނދަކު މާތް الله އިންސާނާގެ އެފަދަ އަމަލުތައް ބޭޒާރު ނުކުރައްވައި ވަންހަނާކޮށް ދެއްވާނެ ކަމަށެވެ.

އަދި އަހަރެމެންނަށް ކުރެވޭ ކުށްފާފަތަކާއި ހަޑި ހުތުރު އަމަލުތައް ވަންހަނާކުރުމަކީ ގިޔާމަތް ދުވަހުން މާތް الله ގެ ފުއްސެވުމާއި މަޣްފިރަތު ލިބޭނެ ކަމެއް ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނީ, ފޮރުވައި ވަންހަނާކޮށްދިނުމުގެ ތެރޭގައި އަހަރެމެންގެ އަހަކަށް ކުރެވޭ ނުބައި ކަމެއް ފެންނަ ހިނދު އޭނާއަށް ނަސޭހަތްދީ, އޭނާގެ ކުށް ވަންހަނާ ކޮށްދިނުންވާ ކަމަށެވެ. އަދި މުސްލިމުންގެ ސިއްރުތައް ކަޝްފުކޮށް ހާމަކުރަން މަސައްކަތް ކުރާ މީހުންނަށް ކީރިތި ރަސޫލާ އިންޒާރު ދެއްވާފައިވާ ކަމަށް ބުންޏެވެ.

“ތިޔަބައިމީހުން މުސްލިމުންގެ އީބަ ނުބުނާށެވެ! އަދި ތިޔަބައިމީހުން އެބައިމީހުންގެ އުނި ސިފަތަކާއި ސިއްރުތައް ހާމަނުކުރާށެވެ! ފަހެ ހަމަކަށަވަރުން އެމީހުންގެ ސިއްރުތަކާއި އުނި ސިފަތައް ހާމަކޮށްފި މީހާ, އޭނާގެ ގޭތެރޭގައި ފިލައި އޮތަސް މާތް الله, އޭނާ ފަޟީހަތް ކުރައްވާނެތެވެ,”

ހުތުބާގައި ބުނީ, ފާފައަކަށް އަރައިގަނެވޭ މީހާ ފަޟީހަތް ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.