Thu, 8 December, 2022, 10:03 am

ނަމާދަށް ރައްކާތެރި ނުވި މީހާ ގިޔާމަތް ދުވަހު ވާނީ ޤާރޫނާއި ފިރުއައުނާއި ހާމާނާ އެކުގައެވެ.

ނަމާދަށް ރައްކާތެރިވި މީހާއަށް ގިޔާމަތް ދުވަހު ނޫރަކަށް, ހެއްކަކަށް ނަޖާވުމަކަށް ނަމާދު ވާނެ ކަމާއި ނަމާދަށް ރައްކާތެރި ނުވި މީހާ ގިޔާމަތް ދުވަހު ވާނީ ޤާރޫނާއި ފިރުއައުނާއި ހާމާނާއި އުބައްޔު ބުނު ހަލަފާ އެކުގައި ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ނަމާދަކީ ދީނުގެ ތަނބެވެ.” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ނަމާދަކީ އިސްލާމް ދީން އެ އެއްޗެއްގެ މައްޗަށް ބިނާވެގެންވާ ދީނުގެ ތަނބު ކަމަށާއި އެއީ އަޅާއާއި ކާފިރުކަމާ ދެމެދުގައިވާ ހުރަހެއް ކަމަށެވެ. އަދި ނަމާދު ދޫކޮށްލައިފި މީހާ ދީން މުގުރާލައިފި ކަމަށާއި ނަމާދު ގާއިމުކޮށްފި މީހާ ދީން ގާއިމުކޮށްފި ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ ނަމާދަކީ އޭގެ ސަބަބުން އަހަރެމެންގެ ފާފަތައް الله ފުއްސަވައިދެއްވާނޭ އަދި ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެއް ކަމަށެވެ. އެއީ ކަންބޮޑުވުމާއި ހާސްވުންފަދަ ކަންކަމުން ސަލާމަތް ކޮށްދޭ އަޅުކަމެއް ކަމަށްވެސް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, ފަރުޟު ފަސް ނަމާދަކީ ރަށުގައި ގާއިމުވެ ހުންނަ މީހާގެ މައްޗަށާއި ދަތުރުވެރިޔާގެ މައްޗަށާއި ބަލިމަޑުކަމުގައިވާ މީހާގެ މައްޗަށްވެސް ފަރުޟު ކުރައްވާފައިވާ އަޅުކަމެއް ކަމަށާއި ހަނގުރާމައިގެ ހާލަތުގައްޔާއި ބިރުވެރިކަމުގެ ހާލަތްތަކުގައިވެސް ނަމާދު ކުރުމަށް އަންގަވާފައިވާ ކަމަށެވެ. އަދި ބަލިމަޑުކަމުގެ ހާލަތުގައިވެސް ނަމާދު އަޅައިގެން ނުވާނެ ކަމަށް ބުންޏެވެ.

ނަމަވެސް މިއަދު ފެންނަނީ މިއާ ހިލާފު މަންޒަރެއް ކަމަށާއި ބައެއް މީހުން ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަން ފެންނަ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެފަދަ މީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށް ކަމަށްވެސް ބުންޏެވެ.

ޝައިތާނާ މުސްލިމުން ނަމާދާ ދުރުކުރުމަށްޓަކައި ވަރަށް ގިނަ ހީލަތްތަކާއި މަކަރުތައް ހަދައި ދުނިޔޭގެ ދަޅަތައް ދައްކާނެކަން ފާހަގަކޮށް ހުތުބާގައި ބުނީ, މުސްލިމުންގެ ހާލަތަށް ބަލައި އިރު, ގިނަ ބައެއްގެ ނަމާދުގެ ތިލަފަތް ވަނީ ލުއިވެފައި ކަމަށެވެ. އެމީހުންގެ ގާތުގައި ނަމާދަށްވުރެ އިސްކަން ދެވެނީ އެހެނިހެން ކަންކަމަށް ކަމަށާއި ނަމާޑުގެ ވަގުތުތަކާ ދިމާކޮސް އެކި މަސައްކަތް ރާވައި ހިންގާތަން ފެންނަ ކަމަށް ހުތުބާގައި ބުންޏެވެ.

ޖަމާއަތުގައި ނަމާދު އަދާކުރުމަށް ފަރުވާތެރިވުމަށް ގޮވާލައި ހުތުބާގައި ބުނީ, އެކަހެރިކޮށް ހުރެ ކުރާ ނަމާދުން ލިބޭ ސަވާބަށްވުރެ ޖަމާއަތުގައި ކުރާ ނަމާދުގެ ސަވާބު ހަތާވީސް ދަރަޖައަށް އިތުރުވެގެންވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.