Mon, 28 November, 2022, 9:40 am

ކަރަންޓުގެ ހިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސާނަން: ޝަރީފު

ސްޓެލްކޯއަށް ކަރަންޓުގެ ހިދުމަތް ނުދެވޭ ކަމަށްވާނަމަ, ރާއްޖޭގައި މިކަން ކުރެވޭނެ އިތުރު ބަޔަކު ނުލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝަރީފު އެހެން ވިދާޅުވީ, ސްޓެލްކޯއިން ހިދުމަތް ދޭ ރަށްތަކުގެ ތެރެއިން ކ. ކާށިދޫގެ ކައުންސިލުން, އެ ރަށުގެ މަގު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން ސްޓެލްކޯއާ ހަވާލުނުކުރާން ނިންމުމުންނެވެ.

ކާށިދޫ ކައުންސިލުން ބުނާ ގޮތުން, ސްޓެލްކޯއަކަށް ރައްޔިތުން އެދޭ ގޮތަށް އެރަށުގެ މަގު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތެއް ނުކުރެވޭނެ އެވެ.

ކ. އަދި ވ. އަތޮޅުގެ 12 ރަށެއްގެ މަގު ބައްތިތައް ބެލެހެއްޓުމާ ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ކާށިދޫ ކައުންސިލުގެ އެ ނިންމުމާ ގުޅިގެން ޝަރީފު ވިދާޅުވީ, އެ ކައުންސިލުން ހީކުރާ ވަރަށްވުރެ ޕްރޮފެޝަނަލްކޮށް އަދި އެފިޝެންޓުކޮށް ކާށިދޫގެ މަގު ބައްތިތައްވެސް ސްޓެލްކޯއިން ބަލަހައްޓައިދޭނެ ކަމަށެވެ.

“”ސްޓެލްކޯއިން, ރާއްޖޭގައި ކަރަންޓު ހިދުމަތް ދޭން ސަރުކާރުން އެންމެ ފުރަތަމަ އުފެއްދި ކުންފުންޏަށް މިކަން ނުކުރެވޭނެ ކަމަށްވަންޏާމުން ދެން ރާއްޖެއަކުން މިކަން ކުރެވޭނެ ބައެއް ނުލިބޭނެ,” ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ސްޓެލްކޯއާ ހިޔާލު ތަފާތުވުމަކީ ތަފާތު މައްސަލައެއް ކަމަށާއި ކާށިދޫ ކައުންސިލާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަދިވެސް ސްޓެލްކޯ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސާނެ ކަމަށް ވިދާޅުވި އެވެ.

“ވަކި ބަޔަކަށް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ވަކި ފެންވަރަކަށް ހިދުމަތް ދީފައި, އަނެއް ބަޔަކީ އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އެއް ހިޔާލެއްގައިވާތީ ވަކި ފެންވަރެއްގައި ހިދުމަތް ދީފައި އެ އުސޫލެއް އަޅުގަނޑުމެން ނުގެންގުޅޭނަން,” ޝަރީފު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.