Thu, 8 December, 2022, 10:03 am

މިއަދު އެންމެން އުޅެނީ އުފާވެރި ދިރިއުޅުމެއް ހޯދަން, ﷲ ހަނދުމަކޮށް، ނަމާދު މަތިން ހަނދާނެއް ނުހުރޭ

މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި ބުރަ މަސައްކަތް ކުރަނީ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށާއި ނަމަވެސް ބާއްވެރިކަން ދެއްވުމަށް ވައުދުވޮޑިގެންނެވި ގަދަކީރިތިވަންތަ الله ހަނދުމަކުރުމަށާއި ފަރުޟު ފަސްނަމާދު މަތިން ހަނދާން ނުހުންނަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“ހަގީގީ ބައްޖަވެރިކަން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, މި ދުނިޔޭގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އުފާވެރި, ބާއްޖަވެރި, ދިރިއުޅުމެއް ހޯދުމަށް ކަމަށާއި އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގު ދީފައި ގަނެވޭނެ އެއްޗެއް ކަމުގައިވީ ނަމަ, އެކަން ކުރާނެކަން ކަށަވަރު ކަމަށެވެ.

މީސްތަކުންގެ ހިޔާލާއި ފިކުރު ތަފާތުވެފައިވާ ފަދައިން ބާއްޖަވެރިކަން މާނަކުރުމުގައިވެސް މީހުންގެ ވިސްނުން ތަފާތުކަން ފާހަގަކުރައްވައި ހުތުބާގައި ބުނ, އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަން ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެސް ހާސިލުވުން ނުވަތަ މަތީ މަގާމަކާ ހަމައަށް ވާސިލުވުން ނުވަތަ އެކި ރޮނގުރޮގުން ކާމިޔާބީތައް ހާސިލުވުން ކަމަށެވެ.

ނަމަވެސް މުދާވެރިކަމަކީ ހަމައެކަނި ބާއްޖަވެރިކަމެއް ކަމުގައިވީ ނަމަ, ގާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށް ވާނެ ނޫންތޯ ހުތުބާގައި ސުވާލުކުރި އެވެ. އަދި ދުނިޔެ މަތީގައި ކިތައްމެ ބޮޑު ބާރެއް, މަތިވެރި ޖާހެއް ލިބުނަސް الله އަށް އީމާން ނުވާނަމަ, އެއީ ހަގީގީ ބާއްޖަވެރިކަމެއް ނޫން ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ހަގީގީ ބާއްޖަވެރިކަމަކީ އަޅާ, الله އަށް އީމާންވެ, الله އެންގެވި ގޮތް އިހްތިޔާރުކޮށް, އެކަލާނގެ ނަހީކުރެއްވި ކަންކަމާ ދުރުހެލިވުމުން, الله އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި އުފާވެރިކަމުގެ ޝުއޫރުތަކެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް މާއްދީ ގޮތުން ހާސިލުކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ބާއްޖަވެރިކަމުގެ އަސާސަކީ އީމާންކަމާއި ކިޔަމަންތެރިކަން ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ, މިއަދު ބާއްވެރިކަން ދެއްވުމަށް ވައުދުވޮޑިގެންނެވި ގަދަކީރިތިވަންތަ اللهހަނދުމަކުރުމަށާއި ފަރުޟު ފަސްނަމާދު މަތިންވެސް މީހުން ހަނދާން ނުހުންނަ ކަމަށާއި އެހެނީ މާތް اللهއެންމެ ބޮޑަށް ލޯބިވެވޮޑިގެންނަވާ އަޅުކަމަކީ ނަމާދު ކަމަށާއި ނަމާދަށް ރައްކާތެރިނުވެ, ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ނުލިބޭނެ ކަމަށެވެ.

އަދި الله އާމެދު އަޅާގެ ހިތުގައި އޮންނަ ޔަގީންކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށާއި އެ ޔަގީންކަން ލިބޭނީ ހަމައެކަނި އީމާންކަމުން ކަމަށް ހުތުބާގައި ބުންޏެވެ. އަދި ބުނީ, އެ ޔަގީންކަން ލިބުމުން އިންސާނާއަށް އޭނާގެ ނަފުސާ މެދު ޔަގީންކަން އުފެދި, ހަޔާތުގައި ދިމާވާ އެކިއެކި ކަންކަމާ މެދު ހާސްވުމާއި ކަންބޮޑުވުން ނެތިދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.