Thu, 8 December, 2022, 10:03 am

ބައެއް ތަރިންނަށް ވޯލްޑް ކަޕެއް ނެތް!

ކުޅުންތެރިން އަބަދުވެސް އެ މުބާރާތަކަށް އެންމެ އިންތިޒާރުކުރާ މުބާރާތަކީ ފީފާ ވޯލްޑް ކަޕެވެ. ހަތަރު އަހަރުން އެއް އަހަރު ބާއްވާ ޝަރަފުވެރި މުބާރާތެވެ. މިފަހަރު 32 ގައުމަކުން ވާދަކުރާ ވޯލްޑް ކަޕަކީ ފިނި މޫސުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަށް މިފަހަރު އުނދަގޫ ޗެލެންޖަކާ ކުރިމަތިލާން ޖެހޭ އިރު, ބްރެޒިލާއި ފްރާންސާއި އާޖެންޓީނާ އަދި ބެލްޖިއަމްގެ ނުރައްކާ ފެންނާނެއެވެ. އޭގެ އިތުރުން އިންގްލެންޑާއި ޕޯޗުގަލް އަދި ނެދަލެންޑްސްއަކީ ވެސް ފޭވަރިޓުންގެ ލިސްޓުގައި ހިމެނޭ ޓީމުތަކެވެ.

ވޯލްޑް ކަޕުން މިފަހަރު މަދުވާނެ ކަމަކީ ޔޫރަޕުގެ ޗެމްޕިއަން ނުފެނުމެވެ. ވޯލްޑް ކަޕް 2018 އަށް ކޮލިފައިވެފައި ނުވުމުން, އެ މާޔޫސްކަމުން އިޓަލީ އަރައިގަންނާނެ ކަމަށް ބެލެވުނު ނަމަވެސް ޕްލޭ އޯފްގައި ނޯތު މެސެޑޯނިއާ އަތުން ބަލިވެ, މިފަހަރުގެ މުބާރާތުން ވެސް ފުރުސަތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

އިޓަލީގެ އިތުރުން ސްވިޑަން, ކޮލަމްބިއާ, ޗިލީ, ނައިޖީރިއާ އަދި މިސްރަށް ވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައެވެ. އެއާއެކު އެގައުމުތަކަށް ނިސްބަތްވާ މުހިންމު ނަންތަކެއް ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގައި ނުފެންނާނެއެވެ. މި ފާހަގަކޮށްލާ ނަންތަކުގެ އިތުރުން ކޮލަމްބިއާގެ ލުއިސް ޑިއާޒް, އޮސްޓްރިއާގެ ޑޭވިޑް އަލަބާ, ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗް, އިޓަލީ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ, ސްކޮޓްލެންޑްގެ އެންޑްރޫ ރޮބާޓްސަން އަކީ ވެސް ފާހަގަކޮށްލެވޭ ތަރިންތަކެކެވެ.

އާލިންގް ހާލަންޑް – ނޯވޭ

މިހާރު ހާލަންޑަކީ ޔޫރަޕުގެ އެންމެ ނުރައްކާތެރި ފޯވަޑުންގެ ތެރޭގައި ހިމެނޭ ފޯވަޑެކެވެ. ބޮރޫޝިއާ ޑޯޓްމަންޑުން ވިދާލުމަށްފަހު, މިސީޒަނުގައި 51 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީއާ ގުޅުނު ހާލަންޑަކީ “ގޯލު މެޝިން” އެކެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހާލަންޑަށް ވިދާ ނުލެވޭނެ ކަމަށް ބައެއް މީހުން ބުނަމުންދިޔަ ނަމަވެސް, އެކަމަށް އޭނާ ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ވެސް 11 ގޯލު ކާމިޔާބުކޮށްފައެވެ. ސިޓީއާއެކު މިހާތަނަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ތިން ގޯލު ކާމިޔާބުކުރި ހާލަންޑަކީ އެ މުބާރާތުގައި އެންމެ އަވަހަށް 25 ގޯލު ހަމަކުރި ކުޅުންތެރިޔާއެވެ.

އުފަން ގައުމު އިންގްލެންޑަށް ކުޅުމުގެ ފުރުސަތުވެސް އޮތް ހާލަންޑް, ގައުމީ ޓީމަކަށް އިހުތިޔާރުކުރީ އޭނާގެ ބައްޕަ އަލްފީ ހާލަންޑްގެ އުފަން ގައުމު ނޯވޭއެވެ. ނޯވޭއަށް ވޯލްޑް ކަޕުން ފުރުސަތު ލިބިފައިވަނީ އެންމެ ތިން ފަހަރެވެ. އެންމެ ފަހުން އެ މުބާރާތުން ނޯވޭ ފެނިފައިވަނީ 1998 ވަނަ އަހަރުއެވެ.

އުމުރުން 22 އަހަރުގެ ހާލަންޑް ވަނީ ނޯވޭއާއެކު ވެސް ތަފާތު ދައްކައިފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 22 މެޗުން 21 ގޯލު ކާމިޔާބުކޮށްދީފައެވެ. ހާލަންޑަށް އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ބައެއް މެޗުތައް ގެއްލިފައިވާ އިރު، ކޮލިފައިންގައި ނޯވޭ ނިންމާލީ ނެދަލެންޑްސް އާއި ތުރުކީގެ ފަހަތުން ތިންވަނައިގައެވެ. އެހެންކަމުން އެޓީމަށް ވަނީ ވޯލްޑް ކަޕުގެ ފުރުސަތު ގެއްލިފައެވެ.

ޕައުލް ޕޮގްބާ – ފްރާންސް

ފްރާންސުން ތަށި ދިފާއުކުރުމަށް ނުކުންނަން ތައްޔާރުވަމުންދިޔަ ނަމަވެސް, އެޓީމަށް އެންމެ ފަހުގެ ވޯލްޑް ކަޕް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް މިޑްފީލްޑަރު ޕައުލް ޕޮގްބާ ނުފެންނާނެއެވެ. އަނިޔާއަކަށްފަހު ވޯލްޑް ކަޕަށް ފިޓްވުމުގެ މަސައްކަތްކުރަމުން ދަނިކޮށް, އޭނާއަށް އަނިޔާވެފައިވަނީ ޔުވެންޓަސްގެ ތަމްރީނުތަކުގެ ތެރެއިންނެވެ.

މިސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން އެނބުރި ޔުވެންޓަސްއާ ގުޅުނު ޕޮގްބާއަށް ފުރަތަމަ އަނިޔާވީ ޕްރީ ސީޒަންގެ ތެރެއިންނެވެ. އެފަހަރު އޭނާއަށް ލިބިފައިވަނީ ކަކުލުގެ އަނިޔާއެކެވެ. އެއަށްފަހު ފަހުން ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ވޯލްޑް ކަޕް ގެއްލިފައެވެ.

އެންގޯލޯ ކަންޓޭ – ފްރާންސް

ޕޮގްބާއާއެކު އެންމެ ފަހުގެ ވޯލްޑް ކަޕުގައި ފްރާންސްގެ މެދުތެރެއިން ވިދާލި ކަންޓޭއަށް ވެސް ވަނީ އަނިޔާއެއް ކުރިމަތިވެފައެވެ. އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަދާ ސާޖަރީން މިއަހަރު ނިމުމުގެ ކުރިން ފިޓުވާނެ ކަމަކަށް ނުބެލެވެއެވެ.

އަނިޔާއާ ގުޅިގެން މިސީޒަނުގައި ޗެލްސީން ވެސް ކަންޓޭ ފެނިފައިވަނީ މަދު މެޗެއްގައެވެ. ޗެލްސީއަށް ކުޅުނު ފުރަތަމަ ދެ ޕްރިމިއާ ލީގު މެޗަށްފަހު އޭނާ ފެނިފައެއް ނުވެއެވެ. އޭނާއަށް އަންނަ އަހަރުގެ ފުރަތަމަ ދެ މަސްދުވަސް ގެއްލޭނެ ކަމަށް ބެލެވޭ އިރު, ދެން އޭނާއަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ބެލެވެނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގު މެޗަށެވެ.

ޔޭން އޮބްލަކް – ސްލޮވީނިއާ

މިފަހަރު ވޯލްޑް ކަޕް ގެއްލޭނެ އެންމެ ފާހަގަކޮށްލެވޭ ގޯލްކީޕަރަކީ 2014 ވަނަ އަހަރުން ފެށިގެން އެތުލެޓިކޯ މެޑްރިޑުގައި މޮޅު ކުޅުމެއް ދައްކަމުންދާ 29 އަހަރުގެ ކީޕަރު އޮބްލަކް އެވެ. އޭނާ ފާހަގަކޮށްލެވެނީ ޕެނަލްޓީ އޭރިއާ ތެރޭގައި އިދިކޮޅު ކުޅުންތެރިން ޖެހިލުންވާ, ވަރުގަދަ ކީޕަރެއްގެ ގޮތުގައެވެ.

މިހާތަނަށް އޮބްލަކް ވަނީ ސްލޮވީނިއާ ގައުމީ ޓީމަށް 51 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 23 މެޗެއްގައި އޮބްލަކް ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. ސްލޮވީނިއާގެ މާޔޫސީ ވޯލްޑް ކަޕް ކޮލިފައިންގައި މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.

މާކޯ ވެރާޓީ – އިޓަލީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަދި އިޓަލީން ވެސް މެދުތެރޭގައި ވަރަށް ފުރިހަމައަށް ވެރާޓީގެ ބޭނުން ހިފައެވެ. ވެރާޓީއަކީ ޕާސް ކުރުމާއި އެޓޭކްތަކުގައި ނުރައްކާކުރުން އަދި މުޅި ގޭމް ފަސޭހަކަމާއެކު ދެނެގަންނަ, މޮޅު މިޑްފީލްޑަރެކެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯއަށް ކުރިމަތިލީ އިރު, އަނިޔާއަކަށްފަހު ވެރާޓީ މުޅިން ފިޓްވެފައެއް ނުވެއެވެ. ނަމަވެސް މުބާރާތުގެ ތެރެއިން ފިޓްވުމަށްފަހު އިޓަލީއަށް ޔޫރޯ ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. ހާއްސަކޮށް އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެރާޓީގެ ކުޅުން ފާހަގަކޮށްލެވެއެވެ.

އުމުރުން 29 އަހަރުގެ މިޑްފީލްޑަރަށް އިޓަލީ ސަލާމަތްކޮށްދެވޭ ކަމަށް ބެލެވުނު ނަމަވެސް, ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޯފް މެޗުގައި އޭނާއަށް ވެސް ވަނީ އެކަން ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ނޯތު މެސެޑޯނިއާއާ ދެކޮޅަށް ކުޅުނު މެޗު ނިންމާލަން ޖެހުނީ ވޯލްޑް ކަޕްގެ މާޔޫސްކަމާއެކުގައެވެ.

މުހައްމަދު ސަލާހު – މިސްރު

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް އިދިކޮޅު ޓީމުތަކުގެ ޑިފެންސަށް އެންމެ ބާރުބޮޑު ކުރާ އެއް ކުޅުންތެރިޔަކީ ސަލާހެވެ. ލިވަޕޫލާއެކު އޭނާ ފެނިގެންގޮސްފައިވަނީ ގޯލާ ރައްޓެހި ހަލުވި ފޯވަޑެއްގެ ގޮތުގައެވެ.

މިސްރާއެކު ސަލާހު ވަނީ 86 މެޗުން 49 ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް އަރަބި ފަސްގަނޑުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށް އޭނާއަށް މިސްރު ކޮލިފައިކޮށްދެވިފައެއް ނުވެއެވެ.

ސަލާހު ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް މިސްރު ގެންގޮސްދީފައެވެ. ނަމަވެސް އެ މުބާރާތުގެ ފައިނަލުގައި ސެނަގާލް އަތުން ވަނީ ބަލިވެފައެވެ. އެއަށްފަހު ވޯލްޑް ކަޕުން މިސްރަށް ފުރުސަތު ގެއްލުވާލީ ވެސް ސެނަގާލްއެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޯފްގައި ސެނަގާލުން މިސްރު ބަލިކުރީ ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދައިގެންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.