Thu, 8 December, 2022, 10:03 am

ބަލިކަށިވެފައިވާ އަގީދާ ވަރުގަދަ ކުރަން އެންމެ މުހިންމު ވަސީލަތަކީ ކީރިތި ޤުރުއާނެވެ.

މުސްލިމުންގެ  ބަލިކަށިވެފައިވާ އަގީދާއާއި އީމާންކަން ވަރުގަދަކުރުމަށް ހިފަން އޮތް އެންމެ މުހިންމު ވަސީލަތަކީ ކީރިތި ޤުރުއާން ކަމަށާއި ކީރިތި ޤުރުއާން ކިޔަވައި އޭގެ އާޔަތްތަކާމެދު ވިސްނައި ފިކުރު ހިންގުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

“އީމާންކަން ހަރުދަނާކުރުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އީމާންކަމަކީ އިސްލާމްދީނުގެ އަސާސެއް ކަމަށާއި އެހެންކަމުން ދުންޔަވީ ހަޔާތުގެ އުފަލާއި އަރާމާއި އާހިރަތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް, ހަރުދަނާކޮށްގެން ކަމަށެވެ.

އަދި މާއްދިއްޔަތުގެ އަޅުވެރިކަމާއި ދުންޔަވީ އެދުންތަކުގެ ތެރެއަށް އިންސާނުން އަރަގުވެފައި ތިބި މިފަދަ ދުވަސްވަރެއްގައި އީމާންކަން ހަރުދަނާކޮށް, ވަރުގަދަކުރުމަށް ގަދައަޅައި މަސައްކަތް ނުކޮށްފި ނަމަ, ތިމާގެ އީމާންކަން ބަލިކަށިވެ, ނުބައި މަގުން ދެވުމަކީ ވަރަށް ގާތްކަމެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ހަގީގީ މާނާގައި މާތް الله އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި ބާއްޖަވެރިކަމުގެ އިހުސާސްތައް އުފައްދާ ކަމެއް ކަމަށެވެ. އަދި އެއީ އެކަލާނގެ އަމުރުކުރެއްވި ކަންކަން އަދާކޮށް, ކިޔަމަންތެރިކަމުގެ ތެރެއަށް އިންސާނާއަށް ވަދެވޭ ކަމެއް ކަމަށާއި ނަހީކުރެއްވި ކަންކަމާ އެކަހެރިވެ ދުރުހެލިވެވޭ ކަމެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, މުޖުތަމައު ފާހިޝު އަމަލުތަކާއި ކުށްތަކުން ސަލާމަތްކޮށް, އިސްލާހު ކުރެވޭނީ މާތް الله އާއި ޣައިބުގައިވާ އެންމެހާ ކަންތައްކަށް ފުރިހަމަ މާނާގައި އީމާންވެ, އަގީދާ ވަރުގަދަކޮށް, އެކަލާނގެ ހަޒުރަތަށް ރުޖޫއަވެ, އަޅުތަކުންނާއި އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކޮށްގެން ކަމަށެވެ.

އެގޮތުން ގައުމުގެ ތައުލީމީ ފަލްސަފާއާއި ގައުމީ މަންހަޖު ހަރުދަނާކޮށް ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ބިނާކޮށް, އެ މަންހަޖު ތަންފީޒު ކުރެވޭނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށާއި އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވަނެ ގޮތްތަކެއް ވިސްނަންޖެހޭ ކަމަށް ބުންޏެވެ.

އިސްލާމީ އުއްމަތް ބިނާކޮށް, ތަރައްގީ ކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, މިއަދުގެ ޒުވާންނަކީ ކުރިމަގުގައި ގައުމު އާރާސްތުކޮށް, ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންގޮސް ދެވޭނެ ފަދަ ބައެއްތޯ ސުވާލު ކޮށްލުން މުހިންމު ކަމަށެވެ.

އަދި ގައުމުގެ އަބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށްވާއިރު, ބައެއް ޒުވާނުން ދީނާ ދުރުވެ, ރިވެތި އަހުލާގީ ސިފަތަކާ ދުރުހެލިވެފައިވުމަކީ ހިތާމަވެރި ކަމެއް ކަމަށާއި ޒުވާނުން އެފަދަ ދަށު ދަރަޖައަކަށް ވެއްޓުމުގައި ސުވާލުކުރެވޭނެ އަދި ޒިންމާ ނަގަންޖެހޭ ބަޔަކު ވާނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, ދީނުގެ އަގީދާއާއި އީމާންކަމުގެ ފުރިހަމަކަން ހާސިލުވާނީ ގިނަގިނައިން ޤުރުއާން ކިޔަވައި އޭގެ އާޔަތްތަކާމެދު ރަނގަޅު ގޮތުގައި ވިސްނާ ތަދައްބަރު ކޮށްގެން ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

އެހެންކަމުން ކީރިތި ޤުރުއާން ކިޔަވައި އޭގެ އާޔަތްތަކާމެދު ވިސްނައި ފިކުރު ހިންގައި, އެ ފޮތުގައިވާ އީމާންކަމާއި ވައުދާއި ވައީދުގެ ބަސްފުޅުތަކާއި ހުކުމްތައް އުނގެނި, އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ހަބަރުތަކާއި އަދަބާއި ރިވެތި އަހުލާގުގެ ވާހަކަތަކާމެދު ވިސްނައި ފިކުރު ކުރުމަށް ގޮވާލި އެވެ.

ހުތުބާގައި ބުނީ, ގިނަގިނައިން ޤުރުއާން ކިޔަވައި އޭގެ އާޔަތްތަކާމެދު ވިސްނައި ތަދައްބުރު ކުރުމަކީ اللهއާމެދު އޮންނަ ޔަގީންކަން ފުރިހަމަވެ, އީމާންކަން ވަރުގަދަވާ ކަމެއް ކަމަށާއި އަދި އެއީ ކުށްފާފަތަކާ ދުރުހެލިވެ, ހެޔޮ އަމަލު ކުރުމުގައި ހީވާގިވެވޭ ކަމެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.