Thu, 8 December, 2022, 2:01 pm

ޔޫކޭގެ ވާޖިން އެޓްލާންޓިކުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދަތުރުތައް ފަށަނީ

އިނގިރޭސި ވިލާތުގެ އެންމެ މަގުބޫލު އެއް އެއާލައިން ކަމަށްވާ ވާޖިން އެޓްލާންޓިކް އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ވާޖިން އެޓްލާންޓިކަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ވިޔަފާރިވެރިޔާ ރިޗާޑް ބްރޭންސަންގެ ވާޖިން ގްރޫޕާއި އެމެރިކާގެ ޑެލްޓާ އެއާލައިން އިން ހިންގާ އެއާލައިނެކެވެ.

އެ އެއާލައިނުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަންނަ އަހަރުގެ އޮކްޓޯބަރު 23 އިން ފެށިން ލަންޑަނުގެ ހީތުރޯ އެއާޕޯޓުން ރާއްޖޭގެ މައި އެއާޕޯޓް, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށާނެ އެވެ.

އެގޮތުން އަންނަ އަހަރުގެ ފިނިމޫސުމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް އެ އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށާއި އެ ދަތުރުތަކުގައި ބޭނުންކުރާނީ ބޯއިން 9-787 މަރުކާގެ ބޯޓެއް ކަމަށްވެސް ބުންޏެވެ.

އެ އެއާލައިނުން ބުނީ, އެ ދަތުރުތަކަށް މި މަހުގެ 30 އިން ފެށިގެން ޓިކެޓް ވިއްކަން ފަށާނެ ކަމަށެވެ.

އިނގިރޭސި ވިލާތަކީ މި އަހަރު ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ރާއްޖެ އައި 1.42 މިލިއަން ޓޫރިސްޓުންގެ %10.9 އަކީ އިނގިރޭސިންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.