Thu, 8 December, 2022, 1:17 pm
މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލެންޑް ކެޕްޓަން ލެވަންޑޯސްކީ ޕެނަލްޓީ ފޮނުވާލަނީ -- ފޮޓޯ: އޭއެފްޕީ

ލެވަންޑޯސްކީގެ ޕެނަލްޓީ ނާކާމިޔާބު، މެކްސިކޯ އާއި ޕޮލެންޑް މެޗަށް ހަމަހަމަ ނިމުމެއް

ވޯލްޑް ކަޕްގެ “ގްރޫޕު ސީ” ގައި މެކްސިކޯ އާއި ޕޮލެންޑް ބައްދަލުކުރި މެޗު، ދެ ޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.

މިރޭ ކުޅުނު އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. މުޅި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެޓޭކިންގައި ނުރައްކާ ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ މެކްސިކޯއެވެ. ހާއްސަކޮށް އެޓީމުގެ ހިރްވިންގް ލޮޒާނޯ އާއި އެލެކްސިސް ވޭގާގެ ނުރައްކާ ފާހަގަކޮށްލެވެއެވެ. ނަމަވެސް ޕޮލެންޑްގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ.

ފުރަތަމަ ހާފުގައި ޕޮލެންޑަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އެޓީމުގެ ތަރި އަދި ކެޕްޓަން ރޮބާޓް ލެވަންޑޯސްކީއަށް ވެސް ގިނަ ބޯޅަތަކެއް ލިބިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި މެކްސިކޯ އިން ރަނގަޅަށް ކުޅެމުންދަނިކޮށް، ޕެނަލްޓީ އޭރިއާ ތެރެއިން ހެކްޓާ މޮރޭނޯ ކުރި ފައުލަކާ ގުޅިގެން ޕޮލެންޑަށް ވަނީ ޕެނަލްޓީއެއް ދީފައެވެ. ރެފްރީ އެ ޕެނަލްޓީ ދީފައިވަނީ ވީއޭއާރަށް ބެލުމަށްފަހުއެވެ. ޕޮލެންޑްގެ ކެޕްޓަން ލެވަންޑޯސްކޯ ފޮނުވާލި އެ ޕެނަލްޓީ، މެކްސިކޯގެ ކީޕަރު އަދި ކެޕްޓަން ގިލޭމޯ އޮޗޮއާ ވަނީ މަތަކޮށްފައެވެ.

މެޗު ނިމުމުގެ ކުރިން މެކްސިކޯ އަދި ޕޮލެންޑަށް ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެކްސިކޯގެ ހެންރީ މާޓިން ފޮނުވާލި ހަމަލާއެއް ޕޮލެންޑްގެ ކީޕަރު ވޮޖްސިއެޗް ސްޒެސްނީ މަތަކުރި އިރު، ޕޮލެންޑްގެ ކަމިންސްކީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މެކްސިކޯގެ ކީޕަރު އޮޗޮއާއެވެ.

“ގްރޫޕު ސީ”ގެ ފުރަތަމަ މެޗުތަކަށްފަހު ތާވަލުގެ އެންމެ ކުރީގައި ތިން ޕޮއިންޓާއެކު އޮތީ ސައުދީ އަރަބިއާއެވެ. ޕޮއިންޓަކާއެކު ދެވަނަ އަދި ތިންވަނައިގައި މެކްސިކޯ އާއި ޕޮލެންޑް އޮތް އިރު، ފުލުގައި އޮތީ އާޖެންޓީނާއެވެ.

ވޯލްޑް ކަޕްގައި މިރޭ ދެން ކުޅުމަށް ހަމަޖެހިފައިވަނީ “ގްރޫޕު ޑީ” ގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.