Thu, 8 December, 2022, 2:20 pm
އޮސްޓްރޭލިއާ ކޮޅަށް ގޯލު ޖެހުމަށްފަހު ޖިރޫ އުފާފާޅުކުރަނީ -- ފޮޓޯ: ފީފާ

ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ފްރާންސުން ފެންވަރު ދައްކާލައިފި

ވޯލްޑް ކަޕް “ގްރޫޕު ޑީ”ގެ ދެވަނަ މެޗުގައި ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ފެންވަރު ދައްކާލައިފިއެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އޮސްޓްރޭލިއާ އަތުން ފްރާންސް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފްރާންސްގެ ހަތަރު ގޯލު ވެސް ޖަހާފައިވަނީ އޮސްޓްރޭލިއާ އިން ގޯލެއް ޖަހައި ލީޑު ހޯދާފައިވަނިކޮށެވެ.

އެ މެޗުގެ ކުރީކޮޅުގައި އޮސްޓްރޭލިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ކުރިއަށް ޖެހި ފުރުސަތުތަކެއް ތަނަވަސްކުރަން އޮސްޓްރޭލިއާ އިން މަސައްކަތްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި އޮސްޓްރޭލިއާ އިން ލީޑު ހޯދިއެވެ. މެތިއު ލެކީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އޮސްޓްރޭލިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރެއިގް ގުޑްވިންއެވެ.

އެ ގޯލަށްފަހު ފްރާންސުން ކުރިއަށްޖެހި، އެޓޭކު ވަރުގަދަކުރިއެވެ. ފުލުގައި ހަމަލާތައް އުފައްދަމުންދިޔަ ފްރާންސުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 26 ވަނަ މިނެޓުގައެވެ. ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަހަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޑްރިއަން ރާބިއޯ އެވެ.

އެ ގޯލަށްފަހު ވެސް ނުރައްކާ ކުޅުމެއް ފެނުނީ ފްރާންސްގެ ފަރާތުންނެވެ. ނަތީޖާ ހަމަހަމަކުރި ހަ މިނެޓު ފަހުން ފްރާންސުން ވަނީ އިތުރު ގޯލެއް ޖަހައި، ލީޑު ހޯދައިފައެވެ. ރާބިއޯ ދިން ބޯޅައަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫއެވެ. އޭގެ އިތުރަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ފްރާންސުން ތަނަވަސްކުރިއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

ފްރާންސުން މެޗުގެ ދެވަނަ ހާފު ވެސް ފެށީ ވަރުގަދަކޮށެވެ. ފުލުފުލުގައި އެޓީމުން ދިޔައީ އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކުރަމުންނެވެ. ފްރާންސްގެ ތިންވަނަ ގޯލު، މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކީލިއާން އެމްބާޕޭއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ އެންޓޮއިން ގްރީޒްމަންގެ ހުރަހަކުންނެވެ.

ފްރާންސްގެ ތިންވަަނަ ގޯލު ޖެހިތާ ހަތަރު މިނެޓު ފަހުން އެޓީމުން ވަނީ ހަތަރުވަނަ ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ. އެމްބާޕޭ ނަގައިދިން ހުރަހަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ޖިރޫއެވެ. އެ ގޯލާއެކު ފްރާންސަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ތިއަރީ އޮންރީގެ ރެކޯޑާ ޖިރޫ ހަމަހަމަކުރިއެވެ. އޮންރީ އަދި ޖިރޫ ވެސް ވަނީ ފްރާންސަށް 51 ގޯލު ކާމިޔާބުކޮށްދީފައެވެ.

ހަތަރު ގޯލަށްފަހު ވެސް ފްރާންސް ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން އެމްބާޕޭ އާއި ގްރީޒްމަން އަދި އިބްރާހިމާ ކޮނާޓޭއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެއެވެ. ނަމަވެސް އޮސްޓްރޭލިއާގެ ގޯލުގެ ތެރެއަށް އިތުރު ބޯޅައެއް ފޮނުވާލުމަށް އުނދަގޫތަކަކާ ކުރިމަތިވިއެވެ.

“ގްރޫޕު ޑީ” ގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު މިވަގުތު އެއްވަނައިގައި އޮތީ ފްރާންސެވެ. ދެވަނަ އަދި ތިންވަނައިގައި އެއް ޕޮއިންޓާއެކު ޑެންމާކާއި ޓިއުނީޝިއާ އޮތް އިރު، އޮސްޓްރޭލިއާއަށް ޕޮއިންޓެއް ނުލިބި އޮތީ ފުލުގައެވެ.

މާދަމާ ކުޅޭ މެޗުތައް:

15:00، މޮރޮކޯ – ކްރޮއޭޝިއާ (ގްރޫޕު އެފް)
18:00، ޖަރުމަން – ޖަޕާން (ގްރޫޕު އީ)
21:00، ސްޕެއިން – ކޮސްޓަ ރިކާ (ގްރޫޕު އީ)
00:00، ބެލްޖިއަމް – ކެނެޑާ (ގްރޫޕު އެފް)

 

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.