Thu, 8 December, 2022, 12:38 pm
ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޖަޕާން ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ފީފާ

ބޮޑެތި ޓީމުތަކަށް އޭޝިއާގެ ބިރު، ޖަޕާން އަތުން ޖަރުމަނަށް މާޔޫސްކަން

ވޯލްޑް ކަޕް “ގްރޫޕު އީ”ގެ ފުރަތަމަ މެޗުގައި ޖަރުމަން ބަލިކޮށް، ޖަޕާނުން ސިހުމެއް ގެނުވައިފިއެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގައި ޖަޕާނުން ޖަރުމަން ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާ ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ޖަރުމަނެވެ. ޖަރުމަނުން ލީޑު ހޯދުމުގެ ކުރިން ވެސް އެޓީމުގެ ޖޯޝުއާ ކިމިޗް އާއި އިލްކާއީ ގުންޑޮގަން އާއި ޖަމާލް މުސިއާލާ އަދި ކައި ހަވާޓްސްއަށް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ.

ޖަރުމަނުން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޖަރުމަނަށް އެ ޕެނަލްޓީ ލިބިގެންދިޔައީ ޕެނަލްޓީ އޭރިއާ ތެރެއިން ޑޭވިޑް ރާމްއަށް ޖަޕާންގެ ކީޕަރު ޝޫޗީ ގޮންޑާ ކުރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ޖަރުމަންގެ ޕެނަލްޓީ ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދިނީ ގުންޑޮގަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް އެޓޭކުގައި ނުރައްކާކޮށްފައިވަނީ ޖަރުމަނުންނެވެ. ޖަރުމަނަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން ޖަރުމަނަށް އެންމެ ގިނަ ފުރުސަތުތަކެއް ލިބިފައިވަނީ އެޓީމުގެ ސާޖް ގްނަބްރީއަށެވެ. އޭނާގެ ގިނަ ހަމަލާތަކެއް ޖަޕާނުގެ ކީޕަރު ގޮންޑާ ވަނީ މަތަކޮށްފައެވެ.

ޖަޕާނުން މެޗުގެ ނަތީޖާ އަނބުރާލީ ގެނައި ބަދަލުތަކާއެކުއެވެ. އެ ބަދަލުތަކާއެކު ޖަޕާންގެ އެޓޭކު ވެސް ފެނުނީ ނުރައްކާކޮށެވެ. ހާއްސަކޮށް ކައުންޓާ އެޓޭކު ފުރުސަތުތަކުގައި ޖަޕާންގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. ޖަޕާނުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ދެ ކުޅުންތެރިންނެވެ.

ޖަޕާނުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރިޓްސޫ ޑޮއާންއެވެ.

ޖަޕާނުން ވަނީ މެޗުގެ 83 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯ އިޓަކޫރާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޓަކޫމާ އަސާނޯއެވެ.

ޖަރުމަނަށް އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2018 ވެސް ދިޔައީ ހިތްދަތިކޮށެވެ. އެ މުބާރާތް އެޓީމުން ނިންމާލީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. ޖަރުމަނަށް ވޯލްޑް ކަޕްގެ އެންމެ ނާކާމިޔާބީ ވޯލްޑް ކަޕަކީ ވެސް 2018 ގެ ވޯލްޑް ކަޕެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މިހާރު ސަޕްރައިޒިން ޓީމުތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އޭޝިއާގެ ޓީމުތަކެވެ. އިއްޔެ ކުޅުނު “ގްރޫޕު ސީ”ގެ މެޗުގައި ސައުދީ އަރަބިއާ އިން ވަނީ 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ހައިރާންކަން ގެނުވައިފައެވެ. އަނެއްކާ މިއަދު ޖަޕާނުން ބަލިކުރި ޖަރުމަނަކީ ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު އެއް ޓީމެވެ.

މިއަދު ކުރިއަށް ހުރި މެޗުތައް:

21:00، ސްޕެއިން – ކޮސްޓަ ރީކާ (ގްރޫޕު އީ)

00:00، ބެލްޖިއަމް – ކެނެޑާ (ގްރޫޕު އެފް)

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.