Thu, 8 December, 2022, 1:53 pm
ވޯލްޑް ކަޕްގެ "ގްރޫޕު އީ"ގެ ދެވަނަ މެޗުގައި ކޮސްޓަ ރީކާ ކޮޅަށް ގޯލު ޖެހުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ފީފާ

ރެކޯޑު މޮޅަކާއެކު ކޮސްޓަ ރީކާ ބަލިކޮށް، ސްޕެއިނުން ފެންވަރު ދައްކާލައިފި

ވޯލްޑް ކަޕްގެ “ގްރޫޕު އީ”ގެ ދެވަނަ މެޗުގައި ބޮޑު ތަފާތަކުން ކޮސްޓަ ރީކާ ބަލިކޮށް، ސްޕެއިނުން ފެންވަރު ދައްކާލައިފިއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކޮސްޓަ ރީކާގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ 7-0 ގެ ނަތީޖާއަކުންނެވެ. މިއީ އެންމެ ތަފާތު ބޮޑުކޮށް ވޯލްޑް ކަޕް މެޗަކުން ސްޕެއިން މޮޅުވި މެޗެވެ.

އެ މެޗު ފެށިގެން ވެސް ސްޕެއިނުން ކުޅެމުންދިޔައީ އެޓީމުގެ ރަސްމީ ކުޅުމެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅުނު އިރު، އެޓީމުގެ ކުޅުންތެރިން ހުއްޓުވުމަށް ކޮސްޓަ ރީކާގެ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

ހަމަލާތަކަކަށްފަހު ސްޕެއިނުން ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ މެޗުގެ 11 ވަނަ މިނެޓުގައެވެ. ޕެޑްރީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެނީ އޮލްމޯއެވެ.

ސްޕެއިނުން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޖޯޑީ އަލްބާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯއެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ސްޕެއިނުން ތިންވަނަ ގޯލެއް ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ސްޕެއިނަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޑީ އަލްބާއަށް ކޮސްޓަ ރީކާގެ ޑުއާޓޭ ކުރި ފައުލަކާ ގުޅިގެންނެވެ. ސްޕެއިނަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސްޕެއިން ފެނުނީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިތާ ނުވަ މިނެޓުގެ ތެރޭގައި ސްޕެއިނުން އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކުރިއެވެ. ގަވީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ފެރާން ޓޮރޭސްއެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މޮރާޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގަވީއެވެ. އެ ގޯލާއެކު އޭނާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕެއްގައި ސްޕެއިނަށް ގޯލެއް ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ގޯލު ޖެހި އިރު، އޭނާގެ އުމުރަކީ 18 އަހަރާއި 110 ދުވަހެވެ.

ސްޕެއިންގެ ފަހު ދެ ގޯލު ފެނުނީ މެޗު ނިމެނިކޮށެވެ. އެ ދެ ގޯލު ވެސް ސްޕެއިނަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ކާލޮސް ސޮލާ އާއި އަލްވާރޯ މޮރާޓާއެވެ. ސޮލާގެ ގޯލު ފެނިގެންދިޔައީ މެޗުގެ 90 ވަނަ މިނެޓުގައެވެ. އަދި މޮރާޓާގެ ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ.

ވޯލްޑް ކަޕްގައި މިރޭ ދެން ކުޅޭ މެޗަކީ “ގްރޫޕު އެފް” ގައި ބެލްޖިއަމާއި ކެނެޑާ ބައްދަލުކުރާ މެޗެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.