Thu, 8 December, 2022, 2:46 pm
ބެލްޖިއަމްގެ ގޯލު ޖެހުމަށްފަހު ބަޓްޝުއާއީ އުފާފާޅުކުރަނީ -- ފޮޓޯ: ފީފާ

ކެނެޑާ އަތުން ވަރުގަދަ ބެލްޖިއަމަށް އުނދަގޫ މޮޅެއް

ވޯލްޑް ކަޕްގެ “ގްރޫޕު އެފް”ގައި ކުޅުނު ދެވަނަ މެޗުގައި ނަސީބު ދެރަ ކެނެޑާ އަތުން ބެލްޖިއަމުން މޮޅެއް ހޯދައިފިއެވެ.

ގަތަރުގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ކެނެޑާގެ މައްޗަށް ފީފާ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައީ ކެނެޑާގެ ފަރާތުންނެވެ.

ކެނެޑާ އިން މެޗު ފެށީ ވެސް ވަރުގަދަކޮށެވެ. ވަރުގަދަ އެޓޭކިން ކުޅުމެއް ކުޅެ، ކެނެޑާ އިން ދިޔައީ ބެލްޖިއަމްގެ ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުގައި މެޗުގެ 11 ވަނަ މިނެޓުގައި ކެނެޑާއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ކެނެޑާއަށް އެ ޕެނަލްޓީ ލިބިފައިވަނީ ބޫކަނާން ފޮނުވާލި ހަމަލާއެއް ޕެނަލްޓީ އޭރިއާ ތެރެއިން ބެލްޖިއަމްގެ ޔެނިކް ކަރެސްކޯގެ އަތުގައި ޖެހުމުންނެވެ. ނަމަވެސް ކެނެޑާގެ ތަރި އަލްފޮންސޯ ޑޭވިސް ފޮނުވާލި އެ ޕެނަލްޓީ، ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުވާ ވަނީ މަތަކޮށްފައެވެ.

އެއަށްފަހު ވެސް ކެނެޑާ ފެނުނީ އެޓޭކިން ޓީމެއްގެ ގޮތުގައެވެ. ކެނެޑާގެ ލަރޭޔާ އާއި ޖޫނިއާ ހޮއިލެޓް އާއި އަލިސްޓާ ޖޯންސްޓަން އަދި ޖޮނަތަން ޑޭވިޑަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ގޯލާ އަމާޒުވެފައިވަނީ ހަމައެކަނި ޑޭވިޑް ފޮނުވާލި ހަމަލާއެވެ. އޭނާ ފޮނުވާލި ހަމަލާ، ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ.

މެޗުގައި ބެލްޖިއަމުން ޖެހި ގޯލު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ޓޮބީ އަލްވަރާލްޑް ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބެލްޖިއަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިޝީ ބަޓްޝުއާއީއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމްގެ ކުޅުން ވަރުގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ހާފުގައި ވެސް ވަރުގަދަކޮށް ފެނުނީ ކެނެޑާއެވެ. ކެނެޑާއަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް، ބެލްޖިއަމްގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާއެއް ފޮނުވައިލެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ބެލްޖިއަމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 67 ވަނަ މިނެޓުގައި ބަޓްޝުއާއީއަށް ލިބުނު ފުރުސަތެވެ. ޑި ބްރޭނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބަޓްޝުއާއީ ފޮނުވާލި ހަމަލާ، ކެނެޑާގެ ލަރޭޔާ ވަނީ ބްލޮކްކޮށްފައެވެ.

ކެނެޑާ އަތުން ލިބުނު އުނދަގޫ މޮޅާއެކު މިވަގުތު “ގްރޫޕު އެފް”ގެ އެއްވަނައިގައި އޮތީ ކެނެޑާއެވެ. ދެވަނަ އަދި ތިންވަނައިގައި އޮތް ކްރޮއޭޝިއާ އާއި މޮރޮކޯއަށް ލިބިފައިވަނީ ޕޮއިންޓެވެ. ފުލުގައި މިވަގުތު އޮތީ ކެނެޑާއެވެ.

ވޯލްޑް ކަޕްގައި މާދަމާ ކުޅޭ މެޗުތައް:

15:00، ސްވިޒަލެންޑް – ކެމަރޫން (ގްރޫޕު ޖީ)

18:00، އުރުގުއާއީ – ދެކުނު ކޮރެއާ (ގްރޫޕު އެޗް)

21:00، ޕޯޗުގަލް – ގާނާ (ގްރޫޕު އެޗް)

00:00، ބްރެޒިލް – ސާބިއާ (ގްރޫޕު ޖީ)

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.