Thu, 8 December, 2022, 10:03 am

ކުރީގެ ބޮޑު މަހުޖަނަކު، ބަނގުރޫޓުވެ ދަރަނި ދައްކަން ސޮސެޖު ތެއްލައިގެން ވިއްކަނީ

ޗައިނާގެ މިލިޔަނަރަކު ބަނގުރޫޓުވެ، 46 މިލިއަން ޔުއާން (6.4 މިލިއަން ޑޮލަރު)ގެ ދަރަނި ދެއްކުމަށް މަގުމަތީގައި ސްޓޯލެއްގައި ގްރިލްޑް ސޮސެޖް ވިއްކަން ނުކުތުމުން މީޑިއާގައި އޭނާއަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ޗައިނާގެ ހެންގްޒޯ ސިޓީއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ޓަންގް ޖިއާން އަކީ ޒެޖިއަންގް ޕްރޮވިންސްގެ ހުރިހާ ހިސާބެއްގައިވެސް އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާގެ ގޮތުގައި ބެލެވުނު މިލިއަނަރެކެވެ. އެގޮތުން އުމުރުން 36 އަހަރުގައި އޭނާ އަކީ އެތައް ބައިވަރު ރެސްޓޯރަންޓެއްގެ ވެރިއެކެވެ.

ނަމަވެސް 2005 ވަނަ އަހަރު ޓަންގް އޭނާގެ ފައިސާގެ ބޮޑު ބައެއް ލޭންޑްސްކޭޕް އިންޖިނިއަރިން ވިޔަފާރިއަށް އިންވެސްޓް ކުރަން ފެށި ހިސާބުން އޭނާއަށް ވިޔަފާރީގައި ގެއްލުންވަމުން ގޮސް މިހާރު އޭނާއަކީ ބަނގުރޫޓު ވެފައިވާ ނިކަމެއްޗެކެވެ.

އެ ދަރަނި ދައްކަން އެންމެ ފަހުން ޓަންގުގެ ހުރިހާ ރެސްޓޯރެންޓަކާއި ގެތަކާއި ކާރުތައް ވިއްކާލި އެވެ. ނަމަވެސް އަދިވެސް 46 މިލިއަން ޔުއާނުން އޭނާ ވަނީ ދަރާފަ އެވެ.

“އަހަރެމެން އުފަންވަނީ އެއްވެސް ކަމެއް ނެތި. އަލުން ހުރިހާ ކަމެއް ފަށަން ބިރުގަންނަންވީ ކީއްވެ؟ މަޑުމައިތިރިކަމާއެކު ދަތިތަކާ ކުރިމަތިލާން ދަސްކޮށް، ހިތްވަރާއެކު ކުރިއަށް ހިނގަން ދަސްކުރަން އެބަޖެހޭ،” ޓަންގް މީޑިއާ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މި ދަރަނި އަދާކުރުމަށް އޭނާ މިހާރު ކުރާ ކަމަކީ މަގުމަތީގައި ސްޓޯލެއް ބަހައްޓައިގެން ގްރިލްޑް ސޮސެޖު ވިއްކުމެވެ. އޭނާ ސޮސޮޖު ގާޑިއާ ހިފައިގެން މަގުމަތީގައި ހިނގާ ވީޑީއޯއެއް މި މަހު ކުރީކޮޅު ވައިރަލް ވެފައިވާއިރު ޓަންގް ދަރަނީގެ ހުރިހާ ސެންޓެއް އަނބުރާ ދެއްކުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން އޭނާ އަށް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިފަ އެވެ.

ޓަންގު ބުނާ ގޮތުން އޭނާގެ އާ ވިޔަފާރިން އޭނާގެ ދަރަނި އަދާކުރުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. އެކަމަށް ހޭދަވާނީ ކިހާ ދުވަހެއްކަން ބުނަން ނޭގުނަސް އެކަން ކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި ކުރިންވެސް ދިރިއުޅުން ކޮޅަށް ޖެހީ އަމިއްލަ ބުރަ މަސައްކަތުން ކަމަށާއި ދެންވެސް އެކަންކުރެވޭހާ ހިތްވަރު އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.