Thu, 8 December, 2022, 3:51 pm
އެމްބޯލޯ، ސްވިޒަލެންޑްގެ ގޯލަށްފަހު -- ފޮޓޯ: ފީފާ

ކެމަރޫން އަތުން ސްވިޒަލެންޑަށް މުހިންމު މޮޅެއް

ވޯލްޑް ކަޕް “ގްރޫޕު ޖީ” ގައި ކެމަރޫން ބަލިކޮށް، ސްވިޒަލެންޑުން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކެމަރޫންގެ މައްޗަށް ސްވިޒަލެންޑުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗަށް ބަލާ ނަމަ، ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.

މެޗުގެ ކުރީކޮޅުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްވިޒަލެންޑުން ކުޅުނު ނަމަވެސް، ކެމަރޫން ފެނުނީ އެޓޭކުގައި ނުރައްކާ ޓީމެއްގެ ގޮތުގައެވެ. އެގޮތުން މެޗުގެ ދިހަވަނަ މިނެޓުގައި ކެމަރޫނަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިފައިވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އެމްބޫމޯ ފޮނުވާލި ހަމަލާ ސްވިޒަލެންޑްގެ ކީޕަރު ޔޭން ސޮމާ ވަނީ މަތަކޮށްފައެވެ. އަދި ރީބައުންސް ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޓޮކޯ އެކާމްބީ ފޮނުވާލި ހަމަލާ ދިޔައީ ސްވިޒަލެންޑް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

އޭގެ ހަތަރު މިނެޓު ފަހުން ވެސް ކެމަރޫނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ސްވިޒަލެންޑް އަތުން ގެއްލުނު ބޯޅައަކުން ކައުންޓާ އެޓޭކެއްގައި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޗޫޕޯ މޮޓިން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ޔޭން ސޮމާ ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގައި ސްވިޒަލެންޑަށް ކެމަރޫންގެ ގޯލަށް ނުރައްކާކުރެވިފައެއް ނުވެއެވެ. ސްވިޒަލެންޑްގެ އެންމެ ކުރިއަށް ކުޅޭ ބްރީލް އެމްބޯލޯ މަސައްކަތްތަކެއް ކުރި ނަމަވެސް، ކެމަރޫންގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ސްވިޒަލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޒާޑަން ޝަގީރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެމަރޫނަށް އުފަން އެމްބޯލޯއެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ލީޑު ފުޅާކުރުމަށް ވެސް ސްވިޒަލެންޑަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޝަގީރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސްވިޒަލެންޑްގެ ވާގަސް ފޮނުވާލި ބާރު ހަމަލާ، ކީޕަރު އޮނާނާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ދެވަނަ ހާފުގައި ކެމަރޫނުން ގޯލު ޖެހުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ސްވިޒަލެންޑްގެ ކީޕަރު ސޮމާއާއެކު ސްވިޒަލެންޑްގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ.

ވޯލްޑް ކަޕް “ގްރޫޕު ޖީ” ގައި ސްވިޒަލެންޑާއި ކެމަރޫންގެ އިތުރުން ދެން ހިމެނެނީ ބްރެޒިލާއި ސާބިއާއެވެ. ގްރޫޕުގެ ދެވަނަ މެޗުގައި ބްރެޒިލާއި ސާބިއާ މިރޭ ބައްދަލުކުރާނެއެވެ.

މިއަދު ކުރިއަށް ހުރި މެޗުތައް:

18:00، އުރުގުއާއީ – ދެކުނު ކޮރެއާ (ގްރޫޕު އެޗް)

21:00، ޕޯޗުގަލް – ގާނާ (ގްރޫޕު އެޗް)

00:00، ބްރެޒިލް – ސާބިއާ (ގްރޫޕު ޖީ)

 

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.