Thu, 8 December, 2022, 2:27 pm
ވޯލްްޑް ކަޕްގެ "ގްރޫޕު އެޗް" ގައި އުރުގުއާއީ އާއި ދެކުނު ކޮރެއާ ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ފީފާ

އުރުގުއާއީ އާއި ދެކުނު ކޮރެއާގެ ކުރިމަތިލުން ވާދަވެރި، ނިމުނީ އެއްވަރުވެގެން

ވޯލްޑް ކަޕްގެ “ގްރޫޕު އެޗް” ގެ ފުރަތަމަ މެޗުގައި އުރުގުއާއީ އާއި ދެކުނު ކޮރެއާ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިއަދު ހަވީރު އުރުގުއާއީ އާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ ކުރީކޮޅުގައި އުރުގުއާއީގެ އެޓޭކު ފެނުނީ ނުރައްކާކޮށެވެ. އުރުގުއާއީ އިން މެޗު ފެށީ ފޯވަޑް ލައިނުގައި ތަޖުރިބާކާރު ފޯވަޑް ލުއިސް ސުއަރޭޒާއި ލިވަޕޫލުގެ ޑާވިން ނުނޭޒް ހިމަނައިގެންނެވެ. ނަމަވެސް ދެ ކުޅުންތެރިންގެ ޕާޓްނާޝިޕް މާބޮޑަށް ފެނިގެންގޮސްފައެއް ނުވެއެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ކޮރެއާއަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ.  ކިމް މޫން ހުވާންގް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ހުވާންގް ޔޫ ޖޯ ފޮނުވާލި އެ ހަމަލާ ދިޔައީ އުރުގުއާއީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، އުރުގުއާއީއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ފެޑެރީކޯ ވަލްވާޑޭ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑިއޭގޯ ގޮޑިން ބޮލުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ކޮރެއާ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކޮށްފައެވެ. ހާއްސަކޮށް ދެވަނަ ހާފުގައި ކޮރެއާގެ ކެޕްޓަން އަދި އެޓީމުގެ ތަރި ސޮން ހިއުން މިންގެ ނުރައްކާ ފާހަގަވިއެވެ.

މެޗު ނިމެނިކޮށް ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އުރުގުއާއީގެ ވަލްވާޑޭ ފޮނުވާލި ބާރު ހަމަލާ ކޮރެއާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ކޮރެއާގެ ސޮން ފޮނުވާލި ހަމަލާ ދިޔައީ އުރުގުއާއީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

“ގްރޫޕު އެޗް” ގައި އުރުގުއާއީ އާއި ކޮރެއާގެ އިތުރުން ދެން ހިމެނެނީ ޕޯޗުގަލާއި ގާނާއެވެ. އެ ގްރޫޕުގެ ދެވަނަ މެޗުގައި މިރޭ ޕޯޗުގަލާއި ގާނާ ބައްދަލުކުރާނެއެވެ.

 

ވޯލްޑް ކަޕްގައި މިރޭ ކުރިއަށް ހުރި މެޗުތައް:

21:00، ޕޯޗުގަލް – ގާނާ (ގްރޫޕު އެޗް)

00:00، ބްރެޒިލް – ސާބިއާ (ގްރޫޕު ޖީ)

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.