Thu, 8 December, 2022, 3:48 pm

ރޮނާލްޑޯގެ ރެކޯޑު ގޯލާއެކު ގާނާ އަތުން ޕޯޗުގަލަށް އުނދަގޫ މޮޅެއް

‘ވޯލްޑް ކަޕްގެ “ގްރޫޕު އެޗް”ގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑު ގޯލާއެކު ގާނާ އަތުން ޕޯޗުގަލުން މޮޅެއް ހޯދައިފިއެވެ.

މިރޭ ކުޅުނު މެޗުގައި ޕޯޗުގަލުން ގާނާގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ބޮޑު ބައިގައި ނުރައްކާކޮށް ފެނުނީ ޕޯޗުގަލެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާކޮށް ފެނުނީ ޕޯޗުގަލެވެ. އެގޮތުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯ ޖެހި ފުރަތަމަ ހަމަލާ ޕެނަލްޓީ އޭރިއާ ތެރެއިން ގާނާގެ ކީޕަރު ލޯރެންސް އަޓީ ޒިގީ މަތަކުރި އިރު، ދެވަނަ ހަމަލާ ގާނާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގައި ގާނާއަށް ޕޯޗުގަލްގެ ގޯލަށް އެއްވެސް ހަމަލާއެއް ފޮނުވައިލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެނިގެންދިޔައީ ފޯރިގަދަ ހާފެއްގެ ގޮތުގައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ރޮނާލްޑޯއަށް ގާނާގެ ސަލިސޫ ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ޕޯޗުގަލްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އެ ގޯލާއެކު ތަފާތު ފަސް ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔަކަށް އޭނާ ވެގެންދިޔައެވެ.

ރޮނާލްޑޯގެ ގޯލު ފެނުނުތާ ނުވަ މިނެޓުގެ ތެރޭގައި ގާނާ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މުހައްމަދު ކުޑުސް ދިން ބޯޅައަކުން ގާނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަންދްރޭ އަޔޫއެވެ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

މާގިނައިރުތަކެއް ނުވަނީސް މެޗުގެ 78 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ގޯލެއް ޖަހައި، އަނެއްކާވެސް ލީޑު ހޯދައިފައެވެ. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޮއާއޯ ފީލިކްސްއެވެ.

އޭގެ ދެ މިނެޓު ފަހުން ޕޯޗުގަލުން އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކުރިއެވެ. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕޯޗުގަލަށް ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ރަފައެލް ލޭއޯއެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ގާނާ އިން ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ. ގާނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފަށް ކުޅެން ނުކުތް އޮސްމާން ބުކާރީއެވެ.

އެ ނަތީޖާއާއެކު “ގްރޫޕު އެޗް”ގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ޕޯޗުގަލެވެ. ދެވަނަ އަދި ތިންވަނައިގައި ޕޮއިންޓަކާއެކު އުރުގުއާއީ އާއި ސައުތު ކޮރެއާ އޮތް އިރު، ގާނާ އޮތީ ގްރޫޕުގެ ފުލުގައެވެ.

ވޯލްޑް ކަޕްގައި މިރޭ ދެން ކުޅުމަށް ހަމަޖެހިފައިވަނީ “ގްރޫޕު ޖީ” ގައި ތަރިންގެ މައްޗަށް އެކުލެވޭ، ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލާއި ސާބިއާއެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.