Thu, 8 December, 2022, 3:41 pm

ފަސް ވޯލްޑް ކަޕެއްގައި ގޯލު ޖަހައި ރޮނާލްޑޯ ތާރީހުގެ ތެރެއަށް

ވޯލްޑް ކަޕުގެ ތަފާތު ފަސް މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެ އެވެ.

ގާނާއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ 65 ވަނަ މިނެޓުގައި ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ވޯލްޑް ކަޕުގެ ތާރީހުން އޭނާ ޖާގަ ހޯދި އިރު، އޭނާއަކީ 2006 ވަނަ އަހަރުން ފެށިގެން ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.

މިހާތަނަށް ހަތަރު ވޯލްޑް ކަޕެއްގައި ގޯލު ޖެހި ކުޅުންތެރިންނަކީ ލިއޮނަލް މެސީއާއި ފުޓްބޯޅަ ލެޖެންޑް ޕެލޭ އާއި މިރްސްލާވް ކްލޯސާ އަދި އައިކަން އޫވޭ ސީލާ އެވެ.

ރޮނާލްޑޯ، ވޯލްޑް ކަޕެއްގައި ފުރަތަމަ ގޯލެއް ޖެހީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގަ އެވެ. އުމުރުން އެންމެ 21 އަހަރުގައި އޭނާ އެ ގޯލު ކާމިޔާބުކުރީ ގުރޫޕް ސްޓޭޖުގައި އީރާންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ގޯލާއެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕެއްގައި ގޯލު ޖެހި އެންމެ ޒުވާން ޕޯޗުގީޒް ކުޅުންތެރިޔާ އަށެވެ.

ރޮނާލްޑޯ، ސައުތް އެފްރިކާގައި ބޭއްވި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ގޯލު ޖެހީ އުތުރު ކޮރެއާ ކޮޅަށެވެ. 7-0 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވި އެ މެޗުގައި ރޮނާލްޑޯ ވަނީ އެސިސްޓެއްވެސް ކޮށްފަ އެވެ. ދެހާސް ސާދަވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ޕޯޗުގަލް ކަޓައިގެން ދިޔަ ނަމަވެސް، ގާނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ގޯލެއް ޖަހައި ފޯޗުގަލް މޮޅުކޮށްދިނީ ރޮނާލްޑޯ އެވެ.

ރޮނާލްޑޯއަށް އެންމެ ކާމިޔާބު ވޯލްޑް ކަޕަކީ އެންމެފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ. އެ މުބާރާތުގައި ސްޕެއިން ކޮޅަށް ރޮނާލްޑޯ ހެޓްރިކް ހެދި އިރު، މޮރޮކޯ ކައިރިން ޕޯޗުގަލް މޮޅުވި މެޗުގައި ފެނުނު ހަމައެކަނި ގޯލުވެސް ޖެހީ އޭނާ އެެވެ.

2003 ވަނަ އަހަރު ޕޯޗުގަލް ގައުމީ ޓީމަށް ކުޅެން ފެށި ރޮނާލްޑޯ، ގައުމީ ޓީމަށް މިހާތަނަށް 117 ގޯލު ޖަހައިދީފައިވެ އެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.