Thu, 8 December, 2022, 3:16 pm
ވޭލްސް ކޮޅަށް މޮޅުވި ގޯލު ޖެހުމަށްފަހު އީރާންގެ ޓީމުން އުފާފާޅުކުރަނީ ---

ވަރުގަދަ ކުޅުމަކާއެކު އީރާނުން ބޭލްގެ ވޭލްސް ބަލިކޮށްފި

“ގްރޫޕު ބީ” ގައި ވަރުގަދަ ކުޅުމަކާއެކު އީރާނުން ގެރެތު ބޭލްގެ ވޭލްސް ބަލިކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ވޭލްސް އަތުން އީރާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އީރާނުން ދެ ގޯލު ވެސް ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގެ ދިހަވަނަ މިނެޓުގައި ވޭލްސްއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރޮބާޓްސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކީފާ މޯ ފޮނުވާލި އެ ހަމަލާ، އީރާންގެ ކީޕަރު ހޮސެއިން ހޮސެއިނީ ވަނީ މަތަކޮށްފައެވެ.

ފުރަތަމަ ހާފުގައި އީރާނަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ސަރްދާރް އަޒްމޫނަށެވެ. ނަމަވެސް އޭނާއަށް ވޭލްސްގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނެޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އީރާންގެ އެޓޭކް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ހާފުގެ ކުރީކޮޅުގައި ވެސް ކައިރިކައިރީގައި ވޭލްސްގެ ގޯލަށް އީރާނުން ތިން ހަމަލާއެއް ފޮނުވާލިއެވެ. ސަރްދާރް އަޒްމޫން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ ވޭލްސް ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ވޭލްސްއަށް އެ ބޯޅަ ދިފާއުނުކުރެވި ލިބުނު ބޯޅައިން ޕެނަލްޓީ އޭރިއާ ބޭރުން އަލީ ގޮލިޒަޑޭ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ރީބައުންސް ބޯޅައިން ސަރްދާރް އަޒްމޫން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާ، ވޭލްސް ކީޕަރު ވޭން ހެނެސީ ވަނީ މަތަކޮށްފައެވެ.

އީރާނުން ވަރުގަދަ ކުޅުމެއް ދައްކަމުންދަނިކޮށް، މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ މެޗު ނިމެން ކައިރިވެފައިވަނިކޮށް، އީރާންގެ ތަރޭމީއަށް ކުރި ފައުލަކާ ގުޅިގެން ވޭލްސް ކީޕަރު ވޭން ހެނެސީއަށް ރަތް ކާޑެއް ދެއްކުމުންނެވެ. އެ ރަތް ކާޑާއެކު ވޭލްސްއަށް އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހުނެވެ. އެޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ.

އީރާނުން ޖެހި ދެ ގޯލު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އީރާންގެ ފުރަތަމަ ގޯލު ރޫޒްބޭހް ޗެޝްމީ ކާމިޔާބުކޮށްދިން އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަމިން ރެޒެއާންއެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީހުގައި އީރާނުން ހޯދި ދެވަނަ މޮޅެވެ. އެ މޮޅާއެކު އީރާނަށް ވަނީ ގަދަ 16 ގެ އުންމީދު ވެސް އާވެފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި އީރާނުން ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 6-2 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.