Tue, 19 March, 2024, 1:29 pm
ފުލުހުން --

ފުލުހެއްގެ ކިހިލިފަތް ކައިރީގައި ދަތް އެޅި މީހަކު ޖަލަށް

ފުލުހެއްގެ ކިހިލިފަތް ކައިރީގައި ދަތް އެޅި މީހަކު އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން ކުރި އަނިޔާޢެއް ދިނުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ޖަލަށްލާން ހުކުމްކުރީ ކ. ތުލުސްދޫ/ ކަރަންކާގޭ، އިބްރާހިމް ޝަރީފެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ވަގުތެއްގައި މާލޭގެ މަގެއްގެ މަތިން އޭނާ ފެނުނުއިރު، އޭނާގެ އަތުގައި ގާނޫނާ ގަވާއިދާ ހިލާފު އެއްޗެއް އޮތް ކަމަށް ތުހުމަތު ކުރެވިގެން އޭނާ ހުއްޓުވައި އޭނާކީ ކާކުކަން އަންގައިދިނުމަށް އެންގުމުން އެކަމަށް އިންކާރުކޮށް އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުން ހައްޔަރަށް ގެންގޮސް، އޭނާ ބަލައިފާސްކުރި ވަގުތު ފުލުހެއްގެ ކަނާއަތު ކިހިލިފަތް ކައިރީގައި އޭނާ ދަތް އެޅުމުންނެވެ.

ނަމަވެސް އެ ދައުވާއަށް އިންކާރުކޮށް ޝަރީފު ބުނެފައިވަނީ ފުލުހުން މަގުމަތިން އޭނާ ހުއްޓުވައި އޭނާގެ ކަރުގައި ހިފައި އަނިޔާކުރި ކަމަށެވެ. އަދި ފުލުހުން އޭނާއާ ޒާތީ ކަމެއް އޮތް ކަމަށާއި ފުލުސް މީހާގެ ގައިގައި ދަތް އެޅި އެޅުމަކީ ދަތް އެޅުމުގެ ނިޔަތުގައި ކުރިކަމެއް ނޫން ކަމަށާއި އެކަން ކުރެވުނީ ނަފުސުގެ ދިފާއުގައި ކަމަށާއި އެއީ ބޭއިހްތިޔާރުގައި ހިނގި ކަމެއް ކަމަށްވެސް ބުންޏެވެ.

ދައުވާއަށް އިންކާރުކުރުމުން ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ބެލުމަށްފަހު މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ހުކުމްކުރެއްވީ ޝަރީފު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.

ނަމަވެސް އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ ތެރެއިން، އެއް އަހަރާއި ފަސް މަހުގެ ޖަލު އަދަބު، ދެ އަހަރާއި ދިހަ މަސް ދުވަހުގެ ގޭ ބަންދަކަށް ބަދަލުކޮށްދެއްވައި، އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ ދެ މަހާއި ހަތަރު ދުވަސް ކަމަށް ކަނޑައެޅުއްވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.