އިންޑޮނޭޝިޔާ މަޝްހޫރު ވެފައިވަނީ ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭއެއް ގައުމުގެ ގޮތުގައެވެ. އެކަމަކު ފާހަގަ ކޮށްލަން ޖެހޭ އެއްކަމަކީ އިންޑޮނޭޝިޔާއަކީ މުޅި ދުނިޔޭގައިވެސް ލިޔަންކިޔަންނުދަންނަ މީހުންގެ ނިސްބަތް އެންމެ ގިނަ އެއް ގައުމެވެ.
ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިޔާއަކީ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ދުނިޔޭގައި ދެވަނަޔަށް އެންމެ ގިނައިން ލިޔަންކިޔަން ނުދަންނަ މީހުން ދިރިއުޅޭ އެއް ގައުމެވެ. އެއްވަނައިގައި އޮތީ އެފްރިކާގެ ފަގީރު ގައުމެއްކަމަށްވާ ބޮޓްސްވާނާ އެވެ.
ރާއްޖެ ގޮތަށް ޖަޒީރާގައުމެއްގެ ގޮތަށް އޮންނަ އިންޑޮނޭޝިޔާގެ ރައްޔިތެއް ކަމުގައި ވާ މުހައްމަދު ރިދްވާން އަލިމުއްދީން ވަނީ މިކަމަށް ބަދަލެއްގެންނަން ބުރަ މަސައްކަތްތަކެށް ފަށާފައެވެ. ހިއްވަރުގަދަ އިންޑޮނޭޝިޔާގެ މި ނޫސްވެރިޔާ ވަނީ އިންޑޮނޭޝިޔާ ބަހުން ބަކްގޯ ކިޔާ ވައްތަރުގެ ކުޑަ ބޯޓެއްގައި ފެންވަރު ރަނގަޅު ލައިބްރަރީއެއް ތައްޔާރުކޮށްފައެވެ. އޭނާ ބުނާގޮތުގައި އެނާގެ އަމާޒަކީ ދުރު ހިސާބުތަކުގައި ދިރިއުޅޭ މަސްވެރި ރަށްތަކުގެ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދީ ފޮތުން ލިބޭ އުފަލާއި ހިތްހަމަ ޖެހުން ގެނެސްދިނުމެވެ. ގިނަ ރަށްތަކުގައި ލިބެން ހުންނަ ހަމަ އެކަނި ފޮތަކީ ކީރިތި ގުރުއާން ގެ މަދު ކޮޕީ ތަކެކެވެ، ނަމަވެސް ރިދްވާން ގެ ބުރަ މަސައްކަތުން ވަނީ މިކަން ބަދަލު ކުރަން ފަށާފައެވެ. ބޯޓުގެ އިތުރުން ރިދްވާން ވަނީ ސައިކަލް އަދި އޮޓޯ ރިކްޝޯ ފަދަ ތަކެތީގައިވެސް ދުރު ހިސާބުތަކަށް ދަތުރުކޮށް ރަށްރަށުގެ އަހުލުވެރިންނަށް ފޮތް ހަދިޔާކޮށް ލިޔަން ކިޔަން ދަސްކޮށްދިނުމުގެ ބުރަމަސައްކަތް ފަށާފައެވެ.
ރިދްވާން ގެ ދަތުރުތަކުން އޭނާ އައުމުން މިރަށްތަކަށް ލިބޭ އުފަލާއި ހިތްހަމަޖެހުން ފެނިގެންދެޔެވެ. ކުޑަކުދިންގެ އިތުރުން އެކި އުމުރުފުރައިގެ މީހުން ބޯޓު ދޮށަން އެއްވެ ފޮތް ހޯދުމަށް އުޅޭގޮތުން ރިދްވާން ގެ ހިތައް ހިތްހަމަޖެހުމާއި ހިނިތުންވުން ގެނެސްދެޔެވެ. އިނގިރޭސި ބަހަކީ އިންޑޮނޭޝިޔާގެ 17،000 އަށް ވުރެ ގިނަ ރައްތަކުގައި އާއްމުގޮތެއްގައި ވާހަކަ ދަށްކައި އުޅޭ ބަހެއް ނޫނެވެ. އަދި ސްކޫލް ތަކުގެ ތައުލީމީ ފެންވަރު ދައްވުމުގެ ސަބަބުން އިންޑޮނޭޝިޔާގެ ގިނަ މިހުންނަށް ލިޔަންކިޔަން ދަސްކުރުމުގެ ފުރުސަތު ވަނީ ނުލިބިފައެވެ.
ރިދްވާން ވަނި މިކަން ބަދަލުކުރުމަށް އަޒުމް ކަނޑައަޅާފައެވެ. އަދި އޭނާގެ މި ދިގު އަދި އުދަގޫ ދަތުރުތަކުން ވަނީ އެތައް ބަޔަކަށް ލިޔަންކިޔަން ދަތުމުގެ ހުވަފެން ހަގީގަތަކަށް ހަދާފައެވެ.